ސިޔާސީ

ރަސްމާލެ މަަޝްރޫއަށް ފުރިހަމައަށް ތާއީދުކުރަން : ނަޝީދު

ނަޝީދު ވަނީ "ސާބިތު ނުހިފޭ" ގޮތަށް މުސްތަގުބަލުގައި ވާން އޮތް ކަމެއްގެ ވާހަކަ ނުދެއްކުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ގައުމީ މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ "ފަހުރުވެރި ދިވެހި ދަރިން" ކަން ފާހަގަކުރައްވައި، މީގެ 300 އަހަރު ކުރިން ރާއްޖެ އައި ނާފަހަރުގެ މިސާލު ވެސް ނަޝީދު ޖެއްސެވި އެވެ.

02 November 2026
ރަސްމާލެ މަަޝްރޫއަށް ފުރިހަމައަށް ތާއީދުކުރަން : ނަޝީދު

އެމްޑީޕީގެ ތެރޭގައި ހަރުކަށި ވަތަނީ ފިކުރުތަކާއި ބޭރުމީހުންނަށް ނަފުރަތުކުރުން އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ އެ މަނިކުފާނުގެ ނަން ބައެއް ބޭފުޅުން ގެންނެވުމުން އެކަމަށް ރައްދު ދެއްވައިފަ އެވެ. "އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނުއްވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަށް ޖެހޭ އެބަ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އީގަލް ހިލްސްއަށް 99 އަހަރަށް ބިން ދިނުމާއި، އެ މުއްދަތު ހަމަވުމުން ވާނެ ގޮތަކާމެދު ސުވާލު އުފައްދަވައިފަ އެވެ. އަދި އެހެން ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބިދާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

މިކަމާ ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވަނީ "ސާބިތު ނުހިފޭ" ގޮތަށް މުސްތަގުބަލުގައި ވާން އޮތް ކަމެއްގެ ވާހަކަ ނުދެއްކުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ގައުމީ މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ "ފަހުރުވެރި ދިވެހި ދަރިން" ކަން ފާހަގަކުރައްވައި، މީގެ 300 އަހަރު ކުރިން ރާއްޖެ އައި ނާފަހަރުގެ މިސާލު ވެސް ނަޝީދު ޖެއްސެވި އެވެ.

މި ގަރާރާ ގުޅިގެން ނަޝީދު މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ ބޭރު މީހުންނަށް ނަފުރަތު ކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތައް އެމްޑީޕީން ބަލައިގަންނަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ އެމްޑީޕީ އުފެއްދި ފަލްސަފާއާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ދޫކޮށްލުން ކަމަށެވެ. އަދި އީގަލް ހިލްސްގެ މަޝްރޫއާ ގުޅިގެން ޕާޓީން ކުރިން ނެރެފައިވާ ބަޔާނުގެ ސްޓޭންޑާ އިދިކޮޅަށް އަމަލުނުކުރުމަށް ވެސް ނަޝީދު ވަނީ އިންޒާރު ދެއްވައިފަ އެވެ.

އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހަޅުއްވައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދުކުރެއްވި މި ގަރާރުގައި ނުވަ ކަމަކަށް ސަރުކާރަށް ގޮވާލާފައިވެ އެވެ. އޭގެ ތެރޭގައި މަޝްރޫއުގެ ކޮމާޝަލް ޓާމްސް އާންމުކުރުމަށާއި، މި މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް