ސިޔާސީ

އެމްއެމްޕީއާރްސީ ހިޔާނަތް ހިންގީ ޔާމީންގެ ސީދާ އިރުޝާދަށް: ދައުލަތް

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ސީދާ އިރުޝާދުގެ ދަށުން ހިންގާފައިވާ ކަމެއް ކަމަށާއި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީވެސް އެމަނިކުފާނަށް ފައިސާ ހޯދައިދިނުމަށް ހިންގި ކޮރަޕްޝަނެއް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް )ޕީޖީ( އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.

12 October 2026
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ސީދާ އިރުޝާދުގެ ދަށުން ހިންގާފައިވާ ކަމެއް ކަމަށާއި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީވެސް އެމަނިކުފާނަށް ފައިސާ ހޯދައިދިނުމަށް ހިންގި ކޮރަޕްޝަނެއް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވަނީ ކޮރަޕްޝަން ހިންގުމުގައި ޔާމީންގެ ބައިވެރިވުން އޮތްކަން ސާބިތުކޮށްދިނުމަށް ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައެވެ.

ޕީޖީން ފާހަގަކުރި މުހިންމު ނުކުތާތައް:

  • އަދީބަށް ދިން އިތުބާރު: ކޮރަޕްޝަން ހިންގި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޔާމީން ކަމަށާއި، ކޮރަޕްޝަންގެ މައުލޫމާތު ލިބެމުންދަނިކޮށް ނައިބު ރައީސްކަމަށް އައްޔަންކޮށް، ޓޫރިޒަމްގެ ހުރިހާ ޒިންމާއެއް އޭނާއާ ހަވާލުކުރެއްވީ ފައިސާއާ ގުޅިފައިވާ އިންތިހާ އިތުބާރެއް އޮވެގެން ކަމަށް ބުނުން.

  • އެމްއެމްޕީއާރްސީގެ ދަށަށް ބަދަލުކުރުން: ޓޫރިޒަމަށް ރަށްރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތްތައް، ޓޫރިޒަމް އިޝްތިހާރުކުރަން އުފެއްދި އެމްއެމްޕީއާރްސީގެ ދަށަށް ބަދަލުކުރެއްވުން.

  • ފުއްގިރީގެ މުއާމަލާތް: 5 މިލިއަން ޑޮލަރުގެ އަގުހުރި ފުއްގިރި 1.5 މިލިއަން ޑޮލަރަށް ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ދޫކުރިއިރު، ޔާމީނަށް ލިބުނު ފައިސާއާއެކު އެ ކުންފުނިން 2.6 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލައިގައި ރިޝްވަތު ނަގައިދިނުމުގެ ތުހުމަތުވި އަހުމަދު ކްރިކް ރިޒާގެ ދައުވާ ލަސްވާތީ ޕީޖީން ވަނީ ފައިލްކޮށްފައެވެ. އަދި ފައިސާ ލޯންޑާކޮށްދިން ކަމަށް ބުނެ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވުމުން ދައުލަތުން އެ މައްސަލަ އިސްތިއުނާފެއް ނުކުރެއެވެ.

އެހެން އެންމެންގެ މައްސަލަތައް ދޫކޮށްލުމަށްފަހު، ހަމައެކަނި ޔާމީންގެ މައްސަލަ ކުރިއަށް ގެންދާތީ އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ސުވާލު އުފައްދަވާފައެވެ. އެކަމަށް ރައްދު ދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދުމަކީ އެހެން މީހުންނާ ތަފާތު ބޮޑު ކަމެއް ކަމަށެވެ.

މި މައްސަލައިގެ ހުލާސާ ބަޔާން އިއްވައި ނިމިފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް އިއްވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް