އިގްތިސާދު

ވިލިނގިލި އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ފަށަނީ

ގއ. ވިލިނގިލީގެ ބިން ހިއްކުމާއި އެ ރަށުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިކަން އެމަނިކުފާނު އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ރިޔާސީ ކެމްޕެއިންގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.

11 October 2026
ވިލިނގިލި ފަލުގައި އަޅާ އެއާޕޯޓުގެ ކުރެހުމެއް
ވިލިނގިލި ފަލުގައި އަޅާ އެއާޕޯޓުގެ ކުރެހުމެއް

އެކި ސަބަބުތަކާހުރެ މަޑުޖެހިފައި އޮތް ގއ. ވިލިނގިލީ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އައު ކޮންޓްރެކްޓަރަކާ ޙަވާލުކޮށް، އަންނަ ނޮވެންބަރު މަހުގެ ކުރިން ޢަމަލީ މަސައްކަތް ފަށާނެކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ވިލިނގިލީގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީ ކުރުމުގެ ފަހުމުނާމާގައި މިއަހަރުގެ ފެބްރުއަރީ މަހު ސޮއިކުރެވުނު ނަމަވެސް، ތަފާތު އެކި ސަބަބުތަކާހުރެ އެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް މަޑުޖެހިފައި ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދަ ކުރެއްވިއްޔާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ،" މަސައްކަތް އަލުން ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވިއެވެ.

ގއ. ވިލިނގިލީގެ ބިން ހިއްކުމާއި އެ ރަށުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިކަން އެމަނިކުފާނު އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ރިޔާސީ ކެމްޕެއިންގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.

މި ބޮޑު މަޝްރޫޢުގެ ދަށުން ވިލިނގިލީގައި 3،000 ކިލޯމީޓަރުގެ ދިގު ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން ބައިނަލްއަޤްވާމީ އެއާޕޯޓަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ޤާއިމުކުރެވިގެންދާނެއެވެ. މީގެ އިތުރުން، ގއ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި މަތީ ފަންތީގެ ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް