ހަބަރު

އައްޑޫގެ މަޝްހޫރު ޑްރަގް ޑީލަރު އަބުޗާ ޕެރޯލްގެ ދަށުން ޖަލުން ދޫކޮށްލައިފި

އައްޑޫ ސިޓީއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ނެޓްވޯކްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުالله އިބްރާހީމް ރަޝީދު )އަބުޗާ( ޕެރޯލްގެ ދަށުން މިނިވަންކޮށްފިއެވެ.

05 October 2026
އަބުޗާ
އަބުޗާ

އައްޑޫ ސިޓީއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ނެޓްވޯކްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުالله އިބްރާހީމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ އަބުޗާ ބަންދުން ދޫކޮށްލީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ މިނިވަންކުރީ ޕެރޯލް ބޯޑުން ބަލައި، ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތައް ހަމަވުމުން ކަމަށް ކަރެކްޝަންސުން ބުނި ނަމަވެސް، އޭނާއަށް ޕެރޯލް ލިބުނު ވަކި ސަބަބެއް ނުވަތަ ފުރިހަމަވި ޝަރުތެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

ކަނޑުމަތީގެ އޮޕަރޭޝަނާއި 50 އަހަރުގެ ހުކުމް

އަބުޗާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އައްޑޫ ކަނޑުމަތީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ފެނުމާއެކު އޭނާ ދިޔަ ޑިންގީގައި ހުރި މަސްތުވާތަކެތި ކަނޑަށް އުކާލި ނަމަވެސް، ފުލުހުން ވަނީ ކަނޑަށް ފުންމާލައިގެން 61 ކިލޯގެ ޑައިމޯފިން އާއި 17.97 ކިލޯގެ މެޓަމްފެޓަމިން ހޯދާފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަކަށް އިއުތިރާފުވެ، ދައުލަތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް އަންނަ 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްދީފައެވެ.

6 އަހަރުގެ ބަންދަށްފަހު މިނިވަންވުން: ބަހުސެއް

އަބުޗާގެ މައްޗަށް 25 އަހަރުގެ ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހު ކަމަށްވީ ނަމަވެސް، 2020 އިން ފެށިގެން އޭނާ ހުރީ ބަންދުގައި ކަމަށްވާތީ ޖަލުގައި ހޭދަވީ 6 އަހަރެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިމެނޭ މައްސަލަތަކުގައި ޕެރޯލް ލިބޭނީ ހުކުމުގެ ދެބައިކުޅަ އެއްބައި (12.5 އަހަރު) ތަންފީޒުކުރުމުންނެވެ. އަދި މަސްތުވާތަކެތީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު، މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތު އެއްކޮށް ބަންދުވެއެވެ.

މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި 8 ފަހަރަށްވުރެ ގިނައިން ހައްޔަރުކޮށް، ގްރޫޕް ހަދައިގެން ރޭޕްކުރުމުގެ ތުހުމަތުވެސް ކުރެވިފައިވާ އަބުޗާ، ހުކުމުގެ ބޮޑުބައި ނުނިމެނީސް މިނިވަންވުމުން، ޕެރޯލް ނިޒާމު ހިންގާ ގޮތާމެދު އާންމުންގެ ތެރޭގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް