އިގްތިސާދު

ދިވެހި ގައުމީ ބޭންކް ދުނިޔޭގެ ވަރުގަދަ ބޭންކްތަކާއެކު ފޯބްސްއަށް

މާކެޓް ރިސާޗް ކުންފުނި ސްޓަޓިސްޓާ އާއި ގުޅިގެން ފޯބްސް އިން އަލަށް އެކުލަވާލި މި ލިސްޓުގައި 89 ގައުމަކުން 500 ބޭންކު ހިމަނާފައިވެއެވެ. މިއީ ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބޭންކުތައް ކަމަށްވާ ޖޭޕީމޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ފަދަ ބޭންކުތައް ހިމެނޭ މި ލިސްޓުން ބީއެމްއެލް އަށް ޖާގަ ލިބުމަކީ ބޭންކުގެ މާލީ ހާލަތާއި ރިސްކް މެނޭޖްމަންޓްގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.

13 October 2026
ދިވެހި ގައުމީ ބޭންކް ދުނިޔޭގެ ވަރުގަދަ ބޭންކްތަކާއެކު ފޯބްސްއަށް

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބޭންކުތައް ހިމަނައިގެން މަޝްހޫރު މަޖައްލާ "ފޯބްސް" އިން ނެރެފައިވާ "ވޯލްޑްސް ޓޮޕް ޕަރފޯމިންގ ބޭންކްސް 2026" ގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ.

މާކެޓް ރިސާޗް ކުންފުނި ސްޓަޓިސްޓާ އާއި ގުޅިގެން ފޯބްސް އިން އަލަށް އެކުލަވާލި މި ލިސްޓުގައި 89 ގައުމަކުން 500 ބޭންކު ހިމަނާފައިވެއެވެ. މިއީ ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބޭންކުތައް ކަމަށްވާ ޖޭޕީމޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ފަދަ ބޭންކުތައް ހިމެނޭ މި ލިސްޓުން ބީއެމްއެލް އަށް ޖާގަ ލިބުމަކީ ބޭންކުގެ މާލީ ހާލަތާއި ރިސްކް މެނޭޖްމަންޓްގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.

މި ލިސްޓު އެކުލަވާލާފައިވަނީ 6 ގިންތިއަކަށް ބަހާލައިގެންނެވެ. ބީއެމްއެލް ހިމެނިފައިވަނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުންނަ ބޭންކުތައް ހިމެނޭ "ޓިއަރ 6" ގައެވެ. މީގެ ސަބަބުން ބީއެމްއެލް ވަޒަންކުރެވިފައިވަނީ ދުނިޔޭގެ ނިސްބަތުން އެ ބޭންކާ އެއް ފެންވަރެއްގެ އޮޕަރޭޝަންތައް ހިންގާ އެހެން ބޭންކުތަކާ އަޅާކިޔައިގެންނެވެ.

މި ލިސްޓު އެކުލަވާލުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ބޭންކުތަކުގެ ފައިދާ (ޕްރޮފިޓަބިލިޓީ)، ކުރިއެރުން، ކެޕިޓަލް އަދި ފަންޑިންގ ރިޒީލިއަންސްގެ އިތުރުން އެސެޓް ކޮލިޓީ އަދި އެފިޝަންސީ ހިމެނެއެވެ. މި މައުލޫމާތުތައް އެއްކޮށްފައިވަނީ އެސްއެންޑްޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރުހުރި ޑޭޓާ ޕްރޮވައިޑަރުންނާއި، މިނިވަން ރިސާޗްތަކުގެ އިތުރުން ބޭންކުތަކުން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށެވެ.

މިކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ހަމައެކަނި މާލީ ހިސާބުތަކުގެ މައްޗަށް ބިނާކޮށް ދީފައިވާ ޝަރަފެއް ކަމަށާއި، މިއީ ބީއެމްއެލް އަކީ ހަރުދަނާ ރިސްކް މެނޭޖްމަންޓް އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ، ރަނގަޅު ކެޕިޓަލެއް ހުރި، އަދި މާލީ ގޮތުން ވަރުގަދަ ބޭންކެއްކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ގައުމީ ބޭންކުގެ ގޮތުގައި ބީއެމްއެލް އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ފޯބްސްގެ މި ލިސްޓުން ޖާގަ ލިބުމަކީ، ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ބޭންކުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް