އީގަލްސް ހިލްސް މަޝްރޫއު

ނެތް އިމާރާތެއް ތަޅާލަން 2.9 މިލިއަން ހަރަދު ކުރި މައްސަލައެއް !

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، މި ފައިސާ ދޫކޮށްފައިވަނީ މާފުށީ ޖަލުގައި 50 ގޮޅީގެ ވިންގެއް އިމާރާތްކުރާ ސަރަހައްދުގައި ހުރިކަމަށް ބުނާ އިމާރާތެއް ތަޅާލައި ބިން ސާފުކުރުމަށެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރި ދުވަސްވަރު ގޫގުލް އާތް މެދުވެރިކޮށް ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެ ސަރަހައްދުގައި އެއްވެސް އިމާރާތެއް ނެތްކަން ވަނީ ކަށަވަރުވެފައެވެ.

13 October 2026
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަދި ރައީސް ސޯލިހު
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަދި ރައީސް ސޯލިހު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި މާފުށީ ޖަލުގައި ގޮޅިތަކެއް އެޅުމަށް ހިންގި މަޝްރޫޢެއްގައި، ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލުމުގެ ނަމުގައި ކޮންޓްރެކްޓަރަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓަކުން ފަޅާއަރައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، މި ފައިސާ ދޫކޮށްފައިވަނީ މާފުށީ ޖަލުގައި 50 ގޮޅީގެ ވިންގެއް އިމާރާތްކުރާ ސަރަހައްދުގައި ހުރިކަމަށް ބުނާ އިމާރާތެއް ތަޅާލައި ބިން ސާފުކުރުމަށެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރި ދުވަސްވަރު ގޫގުލް އާތް މެދުވެރިކޮށް ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެ ސަރަހައްދުގައި އެއްވެސް އިމާރާތެއް ނެތްކަން ވަނީ ކަށަވަރުވެފައެވެ.

އޭރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ގެ މޭސްތިރިކަމުގެ ދަށުން، ބީލަމުގެ އުސޫލުން ބޭރުން 45 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކުރީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއެވެ. މަސައްކަތް އަވަސްކުރުމުގެ ނިޔަތުގައި ހަވާލުކުރި މި މަޝްރޫޢުގެ ބިލް އޮފް ކުއަންޓިޓީ (ބީއޯކިއު) ގައި ބިން ސާފުކުރުމަށް 2,920,082 (ދެ މިލިއަން ނުވަ ސަތޭކަ ވިހި ހާސް އަށްޑިހަ ދެއެއް) ރުފިޔާ ހިމަނައި، ހޯމް މިނިސްޓްރީން ވަނީ އެ ފައިސާ ޕޮލްކޯއަށް ޖަމާކޮށްދީފައެވެ. ޕޮލްކޯއިން ފަހުން މި މަސައްކަތް ވަނީ "ވީ އަވަރ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ ކުންފުންޏަކަށް ސަބްކޮންޓްރެކްޓް ކޮށްފައެވެ. އޮޑިޓުން ފާހަގަކުރި ގޮތުގައި ޕްރޮކިއުމަންޓުގެ އުސޫލުތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ ބީއޯކިއުއާއި ކުރެހުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުއްޓެވެ.

ސަބްކޮންޓްރެކްޓަރު 18 ގޮޅީގެ މަސައްކަތް ނިންމި ނަމަވެސް، ފައިސާ ނުލިބުމުގެ ސަބަބުން 2024 ވަނަ އަހަރު 50 ގޮޅީގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް ވަނީ ނުކުރާ މަސައްކަތަކަށް ދައުލަތުން ޚަރަދުކުރި 2.9 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ލަފާދެއްވާފައެވެ. އަދި މިއީ ކޮރަޕްޝަނާއި ޚިޔާނާތް އެކުލެވޭ މުޢާމަލާތަކަށް ވާތީ، މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށާއި، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް