ފުއްގިރި މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 29 އަށް!
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އިއްވައި، އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އިއްވައި، އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އިއުލާން ކުރެއްވި ގޮތުގައި، މި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
ޔާމީން އާއި ދިފާއީ ވަކީލުންގެ މައިގަނޑު ނުކުތާތައް:
ދައުވާގެ އަސާސެއް ނެތުން: ހުލާސާ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް މި ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ހެކިންގެ ސައްހަކަން: ދައުލަތުގެ މައިގަނޑު ހެކިންގެ ގޮތުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަހާ މެދު ސުވާލު އުފެއްދެވިއެވެ. ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެ ދެ މީހުންނަކީ ޔާމީނާ ދެކޮޅަށް ހެކި އުފައްދަން ދައުލަތުން ބޭނުންކުރާ "މެޝިނެއް" ކަމަށާއި، ސުޕްރީމް ކޯޓުންވެސް އެއީ ފާސިގުން ކަމަށް ކަނޑައަޅާފައިވާތީ އެމީހުންގެ ހެކިބަހަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ.
އެހެން އެންމެން ދޫކޮށްލުން: ދިފާއީ ވަކީލު ހަމްޒާ ލަތީފު ފާހަގަކުރެއްވި ގޮތުގައި، ރިޝްވަތު ދިން ކަމަށް ބުނާ ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންގޮސް، މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމަށް ބުނާ ސަންގެ ދެ ކުންފުނީގެ ދައުވާ ސާބިތުނުވުމުން އެ މައްސަލަ އިސްތިއުނާފު ނުކުރަން ދައުލަތުން ވަނީ ނިންމާފައެވެ. އެހެންކަމުން، ހަމައެކަނި ޔާމީންގެ މައްސަލަ ކުރިއަށް ގެންދިއުމަކީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މަނީ ލޯންޑްރިންގެ ރުކުން: ފުއްގިރި މުއާމަލާތް ހިނގިތާ އެތައް ދުވަހެއް ފަހުން ހިނގި ޑޮލަރު މުއާމަލާތަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، މަނީ ލޯންޑްރިންގެ ކުށުގެ ރުކުން ސާބިތުނުވާނެ ކަމަށް ދިފާއުން ބުންޏެވެ.
މި މައްސަލައިގެ އިތުރުން، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން، އެ މައްސަލައިގެ ޝަރީއަތް ވެސް އަލުން ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް