"ފަތުރަނީ އަސާސެއް ނެތް ބިރެއް"، ވަޒީރު ވިދާޅުވެ ދެއްވީ ޒަޔަނިސްޓުންނަށް ރަސްމާލޭން ފުރުސަތު ބަންދުކުރާ ގޮތް!
ރަސްމާލޭގައި ތަރައްގީކުރާ ބިޔަ މަޝްރޫއާ ގުޅުވައިގެން، ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އަދި ތާރީހީ އަސާސެއް ނެތް، ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބު ލިންކްޑްއިންގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުމަކީ ހަމައެކަނި މާލީ މަންފާއަކާއި ކުއްޔަށް ދޫކުރާ މުއްދަތުތަކާ ގުޅޭ ކަމެއް ނޫނެވެ. އޭގެ އަސްލަކީ ފަލަސްތީނުގެ މައްސަލައާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް ހާއްސަ ލޯތްބާއި ޖަޒުބާތެވެ. އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި އަނިޔާވެރިކަމާ ގުޅިގެން ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ވޭން އަޅާކަން ބަޔާންކުރައްވަމުން، ރައްޔިތުންގެ އެ އިހުސާސްތަކަށް ސަރުކާރުން ފުރިހަމައަށް އިހްތިރާމްކޮށް، ސާފު ޖަވާބެއް ދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، ރަސްމާލެ މަޝްރޫއަކީ ޒަޔަނިސްޓުން ރާއްޖޭގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެ ފަތުރާ ވާހަކަތައް މިނިސްޓަރު ވަނީ ދޮގުކުރައްވާފަ އެވެ. މުއްތަލިބު ވިދާޅުވީ، ޒަޔަނިޒަމްގެ ތާރީހަށް ބަލާއިރު އެއީ އެކި ގައުމުތަކުގައި ތިބި ޔަހޫދީން ޔަހޫދީ ދައުލަތުގެ ފަސްގަނޑަށް ޖަމާކުރުމަށް ހިންގާ ހަރަކާތެއް ކަމަށާއި، އެމީހުން ވަޒަންވެރިވަނީ އަސްކަރީ ގަދަބާރުން ފޭރިގަންނަ ބިންތަކުގައި ކަމަށެވެ. އަދި އަމިއްލަ ސިޔާދަތާއި، ވިސާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މިނިވަން ގައުމެއްގައި، ޗުއްޓީ ހޭދަކުރާ ތަނެއް ގަނެގެން އެފަދަ ހިސާރެއް ގާއިމުކުރި އެއްވެސް މިސާލެއް ދުނިޔޭގެ ތާރީހުން ފެންނަން ނެތް ކަމަށްވެސް ފާހަގަކުރެއްވި އެވެ.
"ފަލަސްތީނުގެ ހައްގުތަކާއި ދިވެހިންގެ ގައުމީ އިހްސާސްތަކަކީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ވާނެ ކަންކަމެއް ނޫން. އެ ރައްޔިތުން މިއަދު އެދިގޮވަނީ އަޅުގަނޑުމެންގެ ބަދަހި އެއްބައިވަންތަކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށް މި ސަރުކާރުން ނިންމި ހަރުދަނާ ނިންމުމަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ނާޅާ ފަދަ ސާބިތު ފިޔަވަޅެއް މި ސަރުކާރުން އަޅާފައިވަނިކޮށް، ރިއަލް އެސްޓޭޓް މަޝްރޫއެއްގެ ތެރެއިން އެ ސާބިތުކަން ފުނޑުފުނޑުކޮށްލާނެ ކަމަށް ދެކުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި މަޝްރޫއުގެ ޑިވެލޮޕަރު ކަމަށްވާ 'އީގަލް ހިލްސް' އިން ވެސް ރާއްޖޭގެ މި ސިޔާސަތުތަކާއި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާނެކަމުގެ ޔަގީންކަން ދީފައިވާ ކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ޒަޔަނިސްޓުންގެ އެއްވެސް މަސްލަހަތެއް ރަސްމާލެ މަޝްރޫއުގެ ތެރެއަށް ނުވަދެވޭނެކަން ކަށަވަރުކުރުމަށްޓަކައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިނިސްޓަރު ތަފްސީލުކޮށްދެއްވި އެވެ.
ތަނެއް ގަނެ ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި އިޒްރޭލު މީހެއްގެ ބައިވެރިވުން މަނާކުރުން: ތަނެއް ގަންނަ ފަރާތެއްގެ ގޮތުގައި، ހަގީގީ މަންފާ ލިބޭ މީހެއްގެ (ބެނެފިޝަލް އޯނަރ) ގޮތުގައި، ހިއްސާދާރެއް ނުވަތަ ފައިނޭންސްކުރާ ފަރާތެއްގެ ގޮތުގައިވެސް އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އަދި ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ބައިވެރިނުވެވޭނެ ގޮތް ހެދުން.
ނިސްބަތްވާ ހުރިހާ ގައުމުތަކެއް ހާމަކުރުން ލާޒިމުކުރުމާއި މުދާ ދައުލަތަށް ނެގުން: ތަނެއް ގަންނަ ކޮންމެ ފަރާތަކުން އެމީހަކު ނިސްބަތްވާ ހުރިހާ ގައުމެއް ސާފުކޮށް ހާމަކުރަންޖެހުމާއި، އެއްވެސް މައުލޫމާތެއް އޮޅުވާލައިފިނަމަ އެއްބަސްވުން ވަގުތުން ބާޠިލުކޮށް، އެ މުދަލަކާއި ފައިސާ ދައުލަތަށް ނެގުން.
ދާއިމީ ރަށްވެހިކަން ނުދިނުން: ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުންވެސް އިޒްރޭލު ޕާސްޕޯޓް މަނާކުރުމާއި ހަރުދަނާ ސްކްރީނިން މަރުހަލާތައް ހިންގައި، މި މަޝްރޫއުގެ އެއްވެސް އިންތިޒާމެއްގެ ދަށުން ރާއްޖޭގެ ދާއިމީ ރަށްވެހިކަމެއް ނުވަތަ ރައްޔިތުކަމެއް ނުލިބޭނެކަން ކަށަވަރުކުރުން.
ބިމުގެ ދާއިމީ މިލްކުވެރިކަން ދިވެހިންނަށް އެކަނި އޮތުން: ބިން ދާއިމީކޮށް މިލްކުވާ (ފްރީހޯލްޑް) އުސޫލުން އެއްވެސް ބޭރު ފަރާތަކަށް ދޫނުކުރުމާއި، ކުލީގެ މުއްދަތު ދާއިމީވާނެ އެއްވެސް ޖާގައެއް ނުދިނުން.
ދިވެހި ރައްޔިތުންނަށް އިސްކަންދިނުން: މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގެ ދަށުން އިމާރާތްކުރެވޭ ޔުނިޓްތައް، ދިވެހި ރުފިޔާއިން ހިޔާރުކޮށް ގަތުމުގެ ފުރަތަމަ ފުރުސަތު ދިވެހިންނަށް ހާއްސަކުރުން.
މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ކަންކަން ހިންގުމުގައި އަބަދު ބޭރުގެ އެހީތަކަށް ބަރޯސާވެގެން ތިބުމަކީ ގައުމުގެ މިނިވަން ނިންމުންތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ވަރުގަދަ އިގްތިސާދަކަށް ހެދުމަކީ، ބައިނަލްއަގުވާމީ މަސްރަހުގައި ފަލަސްތީނުގެ ހައްގުގައި ފަސްޖެހުމެއްނެތި ވަކާލާތުކުރުމަށާއި، ރާއްޖޭގެ މިނިވަން ހާރިޖީ ސިޔާސަތު ދެމެހެއްޓުމަށް އެޅޭނެ އެންމެ ވަރުގަދަ ބާރު ކަމުގައި މުއްތަލިބު ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް