އިގްތިސާދު

ފިނޭންސް މިނިސްޓަރު ރޮއިޓާސްގަ ؛ ޔަގީންކަން ދެއްވީ އިގްތިސޯދީ ފިޔަވަޅުތަކުގެ

ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ރޮއިޓާސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ރާއްޖެއިން ތެލަށް ދޭ ސަބްސިޑީ މިއަހަރު ތިންގުނަ ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ.

13 October 2026
ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު
ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު

ދިވެހި ސަރުކާރުން ރާއްޖޭގެ އިގްތިސޯދު މެނޭޖުކޮށް ހަރުދަނާ ކުރަން ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ރޮއިޓާސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ޑެފިސިޓް ދަށްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވާ ކަމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތަކުގެ ކުރިން ދެއްވި އޮންލައިން އިންޓަވިއުއެއްގައި ޒަރީރު ވިދާޅުވިއެވެ.

މި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ރާއްޖެއިން ތެލަށް ދޭ ސަބްސިޑީ މިއަހަރު ތިންގުނަ ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން މިއަހަރުގެ ބަޖެޓް ޑެފިސިޓް، އަމާޒުކުރި 7.1 އިންސައްތައިގެ ބަދަލުގައި 9 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރަންޏާއި މާލީ އެހީތެރިކަން

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އަހަރަކު 300 މިލިއަނާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދަރަނީގެ ގޮތުގައި ރާއްޖެއިން ދައްކަން ޖެހެއެވެ. މިއީ މައިގަނޑު ގޮތެއްގައި ދައުލަތުގެ އާމްދަނީން ދައްކަންޖެހޭ ފައިސާއެވެ. މީގެ އިތުރުން އިންޑިއާއާއެކު ހަދާފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ މި މަހުގެ ތެރޭގައި އާކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ވޯލްޑް ބޭންކުން ކުރިއަށް އޮތް 2 ނުވަތަ 3 އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ފޯރުކޮށްދޭނެއެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ 5 އަހަރުގެ އެއްބަސްވުމެއްގައި މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ.

ފަތުރުވެރިކަމާއި އިޤްތިޞާދީ ކުރިއެރުން

ހަކަތައިގެ އަގުބޮޑުވުމާއި ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން، 2026 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހުންނާނެކަމަށް ލަފާކުރެވެނީ އެންމެ 1 އިންސައްތައިގައެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު އިޤްތިޞާދު 3.8 އިންސައްތައިން އަދި 2028 ވަނަ އަހަރު 6.8 އިންސައްތައިން ކުރިއެރުވުމެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް (ޑައިވަރސިފައިކޮށް)، 2028 ވަނަ އަހަރާ ހަމައަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 33 އިންސައްތައަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޤައުމީ އެއަރލައިނަށް އިތުރު ބޯޓުތައް ކުއްޔަށް ނެގުމަށާއި، ރާއްޖެއަށް 8 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ރާއްޖެއަށް ދަތުރުތައް ފެށުމަށް އިތުރު 7 އެއަރލައިނަކާއެކު މަޝްވަރާކުރެވެމުންދާކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް