ހަބަރު

ވިއްކަން ބަހައްޓާ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅު އަޅަނީ

ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ނުޖަހާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު އިންޒާރު ދީފިއެވެ.

14 October 2026
ވިއްކަން ބަހައްޓާ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅު އަޅަނީ

ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ނުޖަހާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު އިންޒާރު ދީފިއެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާއަށް ހަވާލާދީ މިނިސްޓްރީން ބުނީ، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް ހުންނަންޖެހޭނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތައް:

މިނިސްޓްރީން ކުރި އިއުލާނުގައި ގާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތައް ވަނީ އާންމުކޮށްފައެވެ. އެއީ:

  • ސީދާ މުދަލުގައި އަގު ހުރުން: މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން.

  • މުދާ ބަހައްޓާފައި ހުރި ތަނުގައި އަގު ހުރުން: މުދާ ބަހައްޓާފައި ހުރި ތަނުގައި އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ސާފުކޮށް އެނގޭގޮތަށް ހުރުން.

އިންސްޕެކްޓްކޮށް މޮނިޓާ ކުރުން

ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ވިޔަފާރިވެރިން އަމަލުކުރޭތޯ ބެލުމަށްޓަކައި، ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ތަންތަން އިންސްޕެކްޓްކޮށް މޮނިޓާ ކުރަމުންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ގާނޫނާ އެއްގޮތަށް އަގު ސާފުކޮށް ފެންނަން ހުންނާނެހެން ބެހެއްޓުމަށް އެ މިނިސްޓްރީން ވަނީ އެންމެހާ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް