ހަބަރު

ކުލި ނުދައްކައިގެން އެފްޑީސީގެ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، ތަން ހުސްކުރަން އަންގައިފި

ފަހި ދިރިއުޅުން ކޯޕޭރޭޝަން )އެފްޑީސީ( އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އަމާން ޓަވަރު" ތަކުގެ ތެރެއިން ކުލި ނުދައްކާ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، އެ ތަންތަން ހުސްކުރުމަށް އެ ކުންފުނިން އަންގައިފިއެވެ.

14 October 2026
ކުލި ނުދައްކައިގެން އެފްޑީސީގެ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، ތަން ހުސްކުރަން އަންގައިފި

ފަހި ދިރިއުޅުން ކޯޕޭރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އަމާން ޓަވަރު" ތަކުގެ ތެރެއިން ކުލި ނުދައްކާ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، އެ ތަންތަން ހުސްކުރުމަށް އެ ކުންފުނިން އަންގައިފިއެވެ.

އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ 4,000 ހައުސިން ޔުނިޓުގެ ތެރެއިން ފްލެޓު ލިބުނު ފަރާތްތަކާއެކު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް ބަރާބަރަށް ކުލި ދެއްކުމަކީ ލާޒިމުކަމެއް ކަމަށެވެ. އަދި މި ދެ ޔުނިޓުގެ އެއްބަސްވުން ބާތިލުކުރީ ގަވާއިދުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފްޑީސީން ކުރިއަށްގެންދިޔަ އިޖުރާއަތްތައް:

  • 135 ދުވަހުގެ މުއްދަތެއް ދިނުން: އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދައްކައި ހަލާސްކުރުމަށް 135 ދުވަހުގެ ދިގު މުއްދަތެއް އެ ފަރާތްތަކަށް ދެވުނެވެ.

  • ނޯޓިސް ފޮނުވުން: ފައިސާ ދެއްކުމަށް އެންގުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ސިޓީގެ މެދުވެރިކޮށް ހަވާލުކުރެވުނެވެ.

  • 15 ދުވަހުގެ ތެރޭގައި ހުސްކުރުމަށް އެންގުން: އެކަށީގެންވާ ފުރުސަތުތަކެއް ދިނުމުންވެސް ފައިސާ ދައްކާފައި ނުވާތީ، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ފްލެޓު ހުސްކޮށް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަންގާފައެވެ. އަދި އެ ފަރާތްތަކުގެ ޕޯޓަލް އެކްސެސްވެސް މިހާރު ވަނީ ކަނޑާލާފައެވެ.

އެފްޑީސީން ފާހަގަކުރި ގޮތުގައި، މިފަދަ ފިޔަވަޅުތަކެއް އެޅުމުގެ މައިގަނޑު މަގުސަދަކީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމާއި، އެންމެހާ ފްލެޓުވެރިންގެ މެދުގައި ހަމަހަމަކަމާއެކު އިންސާފުވެރި އުސޫލުތަކެއް ތަންފީޒުކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް