ހަބަރު

އާރުޑީސީ އިން ވަކިކުރި ނަޒީމްއަށް ސްޓޭޓް މިނިސްޓަރުކަން

އާރުޑީސީން ނަޒީމް ވަކިކުރެއްވީ އެ ކުންފުނި އުވާލައި، އެ ތަނުގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

15 October 2026
އާރުޑީސީ އިން ވަކިކުރި ނަޒީމްއަށް ސްޓޭޓް މިނިސްޓަރުކަން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އެމްޑީ ކަމުން އިއްޔެ ވަކިކުރެއްވި އިބްރާހީމް ނަޒީމް، އޭނާ ކުރިން 17 އަހަރު ހިދުމަތް ކުރެއްވި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރައްވައިފިއެވެ.

އާރުޑީސީން ނަޒީމް ވަކިކުރެއްވީ އެ ކުންފުނި އުވާލައި، އެ ތަނުގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެ ކުންފުނި އުވާލުމުގެ މަރުހަލާ ކުރިއަށްދާއިރު، ވަގުތީ ގޮތުން އާރުޑީސީ ހިންގުން މިހާރު ވަނީ އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ހަވާލުކުރައްވާފައެވެ. ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީކުރަން މީގެ ހަ އަހަރު ކުރިން އުފެއްދި އާރުޑީސީ އުވާލަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރައީސް މައުމޫންގެ ދައުރުން ފެށިގެން ޔޫތު މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވި ނަޒީމަކީ ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑަށް ހާއްސަ ބޭފުޅެކެވެ. އޭނާއަކީ ދެކުނު އޭޝިއާގެ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ވޮލީބޯޅަ ރެފްރީގެ އިތުރުން، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ނައިބު ރައީސް ވެސް މެއެވެ. ނަޒީމް ވަނީ 1996 ވަނަ އަހަރު ބީޗް ވޮލީގެ ބައިނަލްއަގުވާމީ ރެފްރީ ކޯސް ފުރިހަމަކުރައްވައި، ވޯލްޑް ޓުއާގައި ވެސް ރެފްރީކަން ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް