އިގްތިސާދު

ތުރުކީގެ މެކްސް ރޯޔަލްގެ ފުރަތަމަ ރިސޯޓް ރާއްޖޭގަ ހުޅުވަނީ

މާލެ އަތޮޅު )ކ. އަތޮޅު( ގައި ތަރައްޤީކުރާ މި ރިސޯޓަށް މާލެއިން ފުރައިގެން ޕްރައިވެޓް ޔޮޓެއްގައި ނުވަތަ ސްޕީޑްބޯޓެއްގައި ދެވެނީ ގާތްގަނޑަކަށް 30 މިނެޓުންނެވެ.

17 October 2026
ތުރުކީގެ މެކްސް ރޯޔަލްގެ ފުރަތަމަ ރިސޯޓް ރާއްޖޭގަ ހުޅުވަނީ

ތުރުކީގެ މަޝްހޫރު ލަގްޒަރީ ހޮސްޕިޓާލިޓީ ބްރޭންޑެއް ކަމަށްވާ 'މެކްސް ރޯޔަލް' އިން އެ ބްރޭންޑުގެ ފުރަތަމަ ބައިނަލްއަޤްވާމީ ރިސޯޓު، "މެކްސް ރޯޔަލް މޯލްޑިވްސް" ގެ ނަމުގައި 2027 ވަނަ އަހަރުގެ ފަހުކޮޅު ދިވެހިރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

މާލެ އަތޮޅު (ކ. އަތޮޅު) ގައި ތަރައްޤީކުރާ މި ރިސޯޓަށް މާލެއިން ފުރައިގެން ޕްރައިވެޓް ޔޮޓެއްގައި ނުވަތަ ސްޕީޑްބޯޓެއްގައި ދެވެނީ ގާތްގަނޑަކަށް 30 މިނެޓުންނެވެ. މިއީ ސީޕްލޭންގައި ދާންޖެހޭ ރިސޯޓުތަކާ ޚިލާފަށް، ދުވާލުގެ ވަގުތަށް ބަރޯސާނުވެ ރޭގަނޑުވެސް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތެކެވެ. މި ރިސޯޓު ހުޅުވުމާއެކު، މިއީ ތުރުކީގެ ބެލެކް، ކެމެރް އަދި ބޮޑްރަމްގައި އެ ބްރޭންޑުން ހިންގަމުން އަންނަ ރިސޯޓުތަކުގެ ލިސްޓަށް އިތުރުވެގެންދާނެ ތަނެކެވެ.

މެކްސް ރޯޔަލް މޯލްޑިވްސްގައި ގާޑަން އަދި އޯވަރވޯޓަރ ވިލާތަކުގެ އިތުރުން، އާއިލާތަކަށް ޚާއްސަ މަލްޓި-ބެޑްރޫމް ވިލާތައް ހުންނާނެއެވެ. މީގެ ތެރެއިން ރިސޯޓުގެ 'ތަރި އައިލެންޑް' ގައި ހުންނަ ވިލާތަކަކީ ވަރަށް ޕްރައިވެޓް މާހައުލެއްގައި ތަރައްޤީކުރާ ތަންތަނެވެ. އެ ރަށުގައި ވަކި ޚާއްސަ އަތިރިމައްޗަކާއި، ވެލްނެސް ފެސިލިޓީތަކުގެ އިތުރުން ބަޓްލަރުން ހިމެނޭހެން ޚާއްސަ ސަރވިސް ޓީމެއް އޮންނާނެއެވެ.

މި ރިސޯޓަކީ ކުޑަކުދިންނާވެސް ވަރަށް ރައްޓެހި ތަނަކަށް ވެގެންދާނެއެވެ. އެގޮތުން 12 އަހަރުން ދަށުގެ ކުދިންނަށް 'މެކްސީ ލޭންޑް' އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް 'ޔަންގް ރޯޔަލްސް ކްލަބް' ގެ ނަމުގައި ޚާއްސަ ފެސިލިޓީތަކެއް ހުންނާނެއެވެ. އަދި އަކުއާ ޕާކަކާއެކު، އެކި އުމުރުފުރާތަކާ ގުޅޭ ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.

މެހެމާނުންގެ ދުޅަހެޔޮކަމަށް ޚާއްސަކޮށްގެން 'ޖޯއިފުލް ލޮންޖެވިޓީ' ކޮންސެޕްޓެއްގެ ދަށުން 'ވެލްބީންގް ވިލެޖް' އެއް މި ރިސޯޓުގައި ހުންނާނެއެވެ. މީގެ ތެރޭގައި ރިކަވަރީ ލައުންޖަކާއި، އިމޯޝަނަލް ރިސެޓް ރޫމަކާއި، ކަސްރަތު ކުރާނެ ޖާގަތައް ހިމެނެއެވެ. އަދި ތަރމަލް ތެރަޕީ އާއި ތުރުކީ އަދި އާޔުރްވެދިކް ތެރަޕީތަކުގެ އިތުރުން ސައުންޑް ހީލިންގ ވެސް ލިބެން ހުންނާނެއެވެ.

ކެއިންބުއިމުގެ ޚިދުމަތްތަކަށް ބަލާއިރު، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މި ރިސޯޓުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ވުލްފްގޭންގް ޕަކްގެ ފައިން ޑައިނިންގ ބްރޭންޑް 'ސްޕޭގޯ'، ޑެނީ ގާސިއާގެ ސްޓޭކްހައުސް 'ލީނިއާ' އަދި ޕެރިހުގެ މަޝްހޫރު 'ކެވިއަރ ކަސްޕިއާ' ހިމެނެއެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ތަރައްޤީކުރާ މެކްސް ރޯޔަލް މޯލްޑިވްސް އިން އަމާޒު ހިފާފައިވަނީ ލީޑް ގްރީން-ބިލްޑިންގ ރޭޓިންގ ސިސްޓަމްގެ އެންމެ މަތީ ދަރަޖަ ކަމަށްވާ 'ޕްލެޓިނަމް' ހާސިލުކުރުމަށެވެ. މީގެ އިތުރުން، ރިސޯޓު ވަށައިގެންވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މެރިން ބަޔޮލޮޖީ ސެންޓަރަކާއި މަންޓާ ޕްރޮޓެކްޝަން ޕްރޮގްރާމެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް