ހަބަރު

ވެމްކޯގެ 2022 ގެ އޮޑިޓް ؛ ވަތްގަނޑަށް ވަތް ފައިސާއާ ބިލްތަކާ ދިމާނުވޭ

އޮޑިޓަ ޖެނެރަލް ވަނީ ވިޔަފާރީގެ ގޮތުން ލިބެންޖެހޭ ފައިސާއާއި ދައްކަންޖެހޭ ފައިސާގެ ބެލެންސްތައް ކަށަވަރުކުރުމަށް ތަރޑް-ޕާޓީ ކޮންފަރމޭޝަން، އެހެން ފަރާތްތައް މެދުވެރިކޮށް ކަށަވަރުކުރުން ހޯދުމަށް ވަނީ ލަފާދެއްވާފައެވެ.

17 October 2026
ވެމްކޯގެ 2022 ގެ އޮޑިޓް ؛ ވަތްގަނޑަށް ވަތް ފައިސާއާ ބިލްތަކާ ދިމާނުވޭ

ވެމްކޯއަށް ލިބިފައިވާ ފައިސާއާ ކުންފުނީގައި ފެންނަ ހުރި ބިލްތަކާ ދިމާނުވާކަން އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި އެ ކުންފުނީގެ 2022 ވަނަ އަހަރުގެ އޮޑިޓުން ހާމަވެއްޖެ އެވެ.

2022 ވަނަ އަހަރުގެ ވެމްކޯގެ މާލީ ބަޔާނުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ޙައްލުކޮށް، ކުންފުނީގެ މާލީ ކަންކަން ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ރަނގަޅުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ. އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން މާލީ ބަޔާނާމެދު ރައުޔެއް ނެރެވެން ނެތްކަމަށް (ޑިސްކްލެއިމަރ އޮފް އޮޕީނިއަން) ނިންމެވި މައިގަނޑު ސަބަބުތަކަށް ބިނާކޮށް، އިސްލާޙުކުރަންޖެހޭ މައިގަނޑު ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:

  • މުދަލާއި ހަރުމުދަލުގެ ރެކޯޑުތައް ބެލެހެއްޓުން - ކުންފުނީގެ އެސެޓްތަކާއި ކުރިއަށްދާ މަޝްރޫޢުތަކުގެ ފިޒިކަލް ވެރިފިކޭޝަން (މުދާ ހުރިތޯ ބެލުން) ކުރުމަށާއި، އެތަކެތީގެ އަގަށް އައިސްފައިވާ ބަދަލު (އިމްޕެއަރމަންޓް) ވަޒަންކުރުމަށް ވަނީ ލަފާދެއްވާފައެވެ.

  • އާމްދަނީ ބިލިންގ ސިސްޓަމާ ދިމާކުރުން - ކުނި ނެގުމުގެ ޚިދުމަތުން ލިބޭ އާމްދަނީ ފުރިހަމައަށް ރެކޯޑުކުރުމަށްޓަކައި، ކުންފުންޏަށް ލިބޭ އާމްދަނީއާއި ބިލިންގ ސިސްޓަމްގެ ރެކޯޑުތައް ރީކޮންސައިލްކުރުން (ދިމާކުރުން) މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

  • އިންވެންޓްރީ ބެލެހެއްޓުން - ކުންފުނިން ބޭނުންކުރާ ތެލާއި، ރީސައިކަލްކުރުމަށް ވިއްކާ ކުނީގެ އިންވެންޓްރީ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމަށާއި، އަހަރު ނިމޭއިރު އިންވެންޓްރީ ކައުންޓް (ގުނުން) ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ.

  • ލިބެންޖެހޭ އަދި ދައްކަންޖެހޭ ފައިސާ ކަށަވަރުކުރުން - ވިޔަފާރީގެ ގޮތުން ލިބެންޖެހޭ ފައިސާއާއި ދައްކަންޖެހޭ ފައިސާގެ ބެލެންސްތައް ކަށަވަރުކުރުމަށް ތަރޑް-ޕާޓީ ކޮންފަރމޭޝަން (އެހެން ފަރާތްތައް މެދުވެރިކޮށް ކަށަވަރުކުރުން) ހޯދުމަށް ވަނީ ލަފާދެއްވާފައެވެ.

  • ޤާނޫނީ މައްސަލަތައް ހާމަކުރުން - ކުންފުންޏާ ދެކޮޅަށް ހުށަހެޅިފައިވާ ޤާނޫނީ މައްސަލަތަކާއި ދައުވާތަކުގެ މަޢުލޫމާތު މާލީ ބަޔާނުގައި އެކަށީގެންވާ ގޮތެއްގައި ހާމަކުރުމަށް (ޑިސްކްލޯޒްކުރުމަށް) ވަނީ އަންގާފައެވެ.

މި ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރު ވެމްކޯއަށް އާމްދަނީގެ ގޮތުގައި 215,430,058 ރުފިޔާ ލިބިފައިވާއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ގެއްލުމުގެ ގޮތުގައި 127,884,887 ރުފިޔާ ވަނީ ރެކޯޑުކުރެވިފަ އެވެ.

އޮޑިޓަރ ޖެނެރަލް ރައުޔެއް ނެރެދެވެން ނެތްކަމަށް ނިންމެވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:

  • ކުންފުނީގެ މުދަލާއި އިކުއިޕްމަންޓްތަކުގެ އަގުކަމަށްވާ 189,434,130 ރުފިޔާއާއި، ކުރިއަށްދާ މަޝްރޫޢުތަކުގެ 54,507,867 ރުފިޔާގެ ފިޒިކަލް ވެރިފިކޭޝަން ހަދާފައި ނުވުން.

  • ވިޔަފާރީގެ ގޮތުން ލިބެންޖެހޭ ފައިސާގެ ގޮތުގައިވާ 84,474,593 ރުފިޔާއާއި، ގުޅުންހުރި ފަރާތްތަކުން ލިބެންޖެހޭ 44,231,190 ރުފިޔާގެ ކަށަވަރުކަން ހޯދިފައި ނުވުން.

  • ކުނި ނެގުމުގެ ޚިދުމަތުން ލިބުނު ކަމަށް ރެކޯޑުކޮށްފައިވާ 76,146,172 ރުފިޔާގެ އާމްދަނީ، ކުންފުނީގެ ބިލިންގ ސިސްޓަމާ ދިމާނުވުން.

  • ތެލަށް ކޮށްފައިވާ 32,488,577 ރުފިޔާގެ ޚަރަދުގެ އިންވެންޓްރީ ރެކޯޑު ބަލަހައްޓާފައި ނުވުން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް