އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން ފަތުރާ ނޭދެވޭ ވާހަކަތަކުން ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ: އިރުތިޝާމް
މިނިސްޓަރު މިހެން ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 12 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އިޝާރަތް ކުރައްވަމުންނެވެ.
ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ފަތުރާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ހާރިޖީ ގުޅުންތަކާއި އިގްތިސާދީ ހަމަޖެހުމަށް ނުރައްކާވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 12 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އިޝާރަތް ކުރައްވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ އަރަބިއްޔާގެ އެހީގައި ފ. އަތޮޅުގައި ހިންގުމަށް ރޭވި ބޮޑު މަޝްރޫއު އޭރުގެ އިދިކޮޅު އެމްޑީޕީން ފެތުރި ވާހަކަތަކުގެ ސަބަބުން ހުއްޓުނު ގޮތް ފާހަގަ ކުރައްވަމުން އޭރު ކެބިނެޓުގައި އިންނެވެ އިރުތިޝާމް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ރިޔާދާ އެކު އޮތް ގުޅުމަށް ބުރޫ އެރި ކަމަށާއި އެ ގުޅުން އިއާދަ ކުރުމަށް ހާރިޖީ ގޮތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.
"މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ޚާރިޖީ ސިޔާސަތަށް ބުރޫއަރާ. އެ ގައުމަކާ އޮންނަ ގުޅުމަށް އޭގެ ނޭދެވޭ އަސަރުކުރޭ. އެހެންކަމުން، ރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، މިފަދަ އިސްލާމީ އަދި އަރަބި ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއެރުވުމަކީ ގެއްލުން ހުރި ކަމެއް،" މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވީ އަމިއްލަ އެދުން އިސްކޮށް ދައްކާ ވާހަކަތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެން އޮތް ފައިދާއަކަށް ހުރަސްއެޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެ އަށް ގިނަ އެހީތަކެއް ވަމުން އަންނަ އިރު މިހާރު މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން އުފެދިފައި އޮތް ނާޒުކު ހާލަތު ނޭދެވޭ އަސަރު އެ ގައުމުތަކަށް ކޮށްފާނެ ކަމަށް ކޮށްފާނެ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
"އެ ގައުމުތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ ހާލަތްތަކުގައި، ރާއްޖެއަށް ލިބޭ އެހީތަކަށްވެސް އޭގެ އަސަރުކުރާނެ. އެ ނަޒަރިއްޔާތުން ބަލާއިރު، އަޅުގަނޑުމެންނަށް އެންމެ މުހިންމީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ނުހަނު ބޮޑު ކަމަށާއި އެހެންކަމުން ދަރަނި އަދާކުރުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ. މިފަދަ މާލީ ދަތިތަކާއެކު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވުރު ތަންފީޒު ކުރުމަށްޓަކައި ބޭރުގެ އެހީ އާއި ބޮޑެތި އިންވެސްޓްމަންޓްތަކަކީ ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި އިރުތިޝާމް ވިދާޅުވި އެވެ.
އީގަލް ހިލްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަށް ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައިވާ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ. އަދި ދާދިފަހުން ނިއުޔޯކްގައި ބޭއްވުނު އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު ބައްދަލުވުންތަކުގައި ދުނިޔޭގެ ލީޑަރުން މި މަޝްރޫއާ މެދު ބޮޑު ޝައުގުވެރިކަމެއް ފާޅުކުރެއްވިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ސިޔާސީ ފާޑުކިޔުންތަކަކީ ހަސަދަވެރިކަމުގެ އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވައި، ވަކި ސަރުކާރަކުން ކާމިޔާބުކުރި ކަންކަމަށްވީތީ، ގައުމުގެ ހާރިޖީ ސިޔާސަތަށް ހުރަސްއަޅައި ނުވަތަ އިގްތިސާދީ ބޮޑެތި ފުރުސަތުތަކަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
"މިފަދަ ބޮޑު އިންވެސްޓްމަންޓަކާ ގުޅޭގޮތުން މެދުނުކެނޑި މަޝްވަރާކުރައްވައި، ގޮތްތައް ނިންމަވާއިރު، ދިވެހި ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެ ނުވަތަ ގާނޫނުއަސާސީއާ ހިލާފުވާނެ އެއްވެސް ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ރައްޔިތުންގެ މަސްލަހަތަށް ގެއްލުންވާނެ ނުވަތަ ރައްޔިތުންނަށް ލިބެންޖެހޭ މަންފާއަކުން އެ ރައްޔިތުން މަހްރޫމްވާނެ ފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
"މި ސަރުކާރު ވެރިކަމާ ހަވާލުވީ 'ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެ އިސްކުރުމުގެ' ސިޔާސަތުގެ ދަށުން."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް