ހަބަރު

ޕެންޝަން ފަންޑު ބޮޑުވެ 60 ބިލިއަން ރުފިޔާއަށް އިތުުރު ވެއްޖެ

މީގެ އިތުރުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން އަދިވެސް ސްކީމުގައި ބައިވެރިނުވެ ތިބިކަން ފާހަގަކުރައްވައި، އެ ފަރާތްތައް ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި ޕެންޝަން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ނުދައްކާ ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ، ކުރިއަށް އޮތް 1 އަހަރުދުވަހުގެ ތެރޭގައި ހޯއްދަވައި ރިކަވަރ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

18 October 2026
ޕެންޝަން ފަންޑު ބޮޑުވެ 60 ބިލިއަން ރުފިޔާއަށް އިތުުރު ވެއްޖެ

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީއީއޯ ޔަޒްމީދު މިހެން ވިދާޅުވީ، ޕެންޝަން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން އޮފީހަށް 17 އަހަރުވެފައިވާއިރު، މިހާތަނަށް ޕެންޝަން ފަންޑަށް ޖަމާވެފައިވަނީ 30 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި އެމް.އާރް.ޕީ.އެސް މެންބަރުންގެ ކޮންޓްރިބިއުޝަނާއި އިންވެސްޓްމަންޓްތަކުން ލިބިފައިވާ ފައިދާ ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މި އަދަދު ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރެއްވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް، އިންވެސްޓްކުރެވޭނެ އިތުރު ފުރުޞަތުތައް ހޯއްދަވައިގެން ފަންޑު ފުޅާކޮށް، އޭގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި މެންބަރުންނަށް ލިބޭނެގޮތަށް އޮފީހުގެ ހިންގުން ތަރުތީބުކުރައްވާފައިވާކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން އަދިވެސް ސްކީމުގައި ބައިވެރިނުވެ ތިބިކަން ފާހަގަކުރައްވައި، އެ ފަރާތްތައް ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި ޕެންޝަން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ނުދައްކާ ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ، ކުރިއަށް އޮތް 1 އަހަރުދުވަހުގެ ތެރޭގައި ހޯއްދަވައި ރިކަވަރ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ "3ޖެން ވޯކް" ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން ޢާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވުނު ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ޢާއިލާތަކާއި މުޅި މުޖުތަމަޢު އެކުވެރިކަމާއެކު އެއްތަނަކަށް ޖަމާވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔަކަންވެސް ފާހަގަކުރައްވާފައިވެއެވެ. މި އިވެންޓް ކާމިޔާބުކަމާއެކު ބޭއްވުމުގައި ހަނިމާދޫ ކައުންސިލާއި، މުއައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވައި ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް