ހަބަރު

މެންބަރު ކުޑޫގެ ކަންބޮޑުވުންތައް ސާފުކޮށްދީ ސިޓީއަށް ފުރިހަމަ ޖަވާބެއް 

މިނިސްޓްރީގެ ޖަވާބުގައި، އީގަލްސް ހިލްސްއާއެކު ކުރިއަށްގެންދާ ރިއަލް އެސްޓޭޓް މޮޑެލްއާއި ރާއްޖޭގައި އާންމުކޮށް ރަށްރަށާއި ފަޅުތައް ޓޫރިޒަމަށް ދޫކުރާ މޮޑެލްއާ ވަނީ އަޅާކިޔާފައެވެ. އެގޮތުން ކުރީގެ ސަރުކާރުން ކްރޮސް ސަބްސިޑީ އުސޫލުން ޢަމަލުކުރި ފޯމިއުލާއަށް ބަލާއިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޓޫރިޒަމް އުސޫލުން 99 އަހަރަށް ކުއްޔަށް ދިންނަމަ، ދައުލަތަށް އެންމެ ގިނަވެގެންވެސް ލިބޭނީ 514 މިލިއަން އެމެރިކާ ޑޮލަރުކަމަށް ވަނީ ފާހަގަކޮށްފައެވެ.

18 October 2026
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް

ރަސްމާލެ ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލްސް ހިލްސްއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކުރާ އާންމު އުސޫލަށްވުރެ އެތައް ގުނައެއް ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށާއި، ޕްރީމިއަމްގެ ގޮތުގައި އެކަނިވެސް 3.1 ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 47.8 ބިލިއަން ރުފިޔާ) ދައުލަތަށް ކަށަވަރުވެފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މި މުހިންމު ތަފާސްހިސާބުތައް ހާމަކޮށްފައިވަނީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އޮޅުންފިލުވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ސުވާލުތަކަށް ކަމާބެހޭ މިނިސްޓްރީން ދިން ތަފްސީލީ ޖަވާބުގައެވެ.

މިނިސްޓްރީގެ ޖަވާބުގައި، އީގަލްސް ހިލްސްއާއެކު ކުރިއަށްގެންދާ ރިއަލް އެސްޓޭޓް މޮޑެލްއާއި ރާއްޖޭގައި އާންމުކޮށް ރަށްރަށާއި ފަޅުތައް ޓޫރިޒަމަށް ދޫކުރާ މޮޑެލްއާ ވަނީ އަޅާކިޔާފައެވެ. އެގޮތުން ކުރީގެ ސަރުކާރުން ކްރޮސް ސަބްސިޑީ އުސޫލުން ޢަމަލުކުރި ފޯމިއުލާއަށް ބަލާއިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޓޫރިޒަމް އުސޫލުން 99 އަހަރަށް ކުއްޔަށް ދިންނަމަ، ދައުލަތަށް އެންމެ ގިނަވެގެންވެސް ލިބޭނީ 514 މިލިއަން އެމެރިކާ ޑޮލަރުކަމަށް ވަނީ ފާހަގަކޮށްފައެވެ.

Uploaded image

ނަމަވެސް އީގަލްސް ހިލްސްއަށް ރަސްމާލެ ހަވާލުކުރީ ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯސަލް (ޕީ.އެސް.އައި.ޕީ) އުސޫލުންކަމަށްވާއިރު، މި އެއްބަސްވުމުގެ ދަށުން ދައުލަތަށް ލިބޭ މާލީ މަންފާ މާބޮޑެވެ. އޭގެ ތެރޭގައި:

  • 3.1 ބިލިއަން ޑޮލަރުގެ ޕްރީމިއަމް: ޑިވެލޮޕަރަށް ލިބޭ ޖުމްލަ އާމްދަނީގެ %10 ދައުލަތަށް ލިބޭނެއެވެ. މިއީ ގާތްގަނޑަކަށް 10 އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ 3.1 ބިލިއަން ޑޮލަރެވެ.

  • 500 މިލިއަން ޑޮލަރުގެ އެޑްވާންސް: ހުޅުމާލޭގައި ސަރުކާރުން އިމާރާތްކުރާ 5,000 ހައުސިންގ ޔުނިޓަށް ބޭނުންވާ 500 މިލިއަން ޑޮލަރު އެޑްވާންސްކޮށް ލިބޭނެއެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.

  • ޓެކްސްގެ އާމްދަނީ: ވިއްކާ ކޮންމެ ޔުނިޓެއްގެ މާކެޓު އަގުގެ %4 ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބޭނެއެވެ.

  • ޑިއުޓީ މަޢާފު ނުކުރުން: ޓޫރިޒަމްގެ ބޮޑެތި މަޝްރޫޢުތަކާ ޚިލާފަށް، މި މަޝްރޫޢަށް އެތެރެކުރާ އެއްވެސް މުދަލަކުން އިމްޕޯޓް ޑިއުޓީ މަޢާފެއް ނުކުރާނެއެވެ.

"ދައުލަތުގެ ބަޖެޓުން އެއްވެސް މާލީ އިލްތިޒާމެއް އުފުލަން ނުޖެހުމަކީ ޓޫރިޒަމް މޮޑެލްއާ އަޅާބަލާއިރު ދައުލަތަށް ލިބޭ ބޮޑު ކާމިޔާބީއެއް،" މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވިދާނެކަމަށް އުފެދިފައިވާ ކަންބޮޑުވުންތަކަށް ވެސް ސަރުކާރުން ވަނީ ޖަވާބުދީފައެވެ. މިނިސްޓްރީން ޔަޤީންކަން ދީފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ފަރާތަކަށް މިލްކެއް ނުކުރެވޭނެއެވެ. އަދި ބިން ކުއްޔަށް ދިނުމުގެ ހުރިހާ މުޢާމަލާތެއްވެސް ހިނގާނީ ރާއްޖޭގެ ޤާނޫނުއަސާސީއާއި، ޒަމާނުއްސުރެ ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިންކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް