ބޯހިޔާވަހިކަމަށް ހިލޭ އިކުއިޓީ ދައްކައިދޭން ސޮއިކޮށްފި
މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް(، މޯލްޑިވްސް އިސްލާމިކް ބޭންކް )އެމްއައިބީ(، ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން )އެޗްޑީއެފްސީ( އަދި މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ )އެމްއެފްއެލްސީ( އެވެ.
ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް" ގެ ދަށުން ބޭންކުތަކަށް ދައްކަންޖެހޭ އިކުއިޓީ ނުވަތަ ޑައުންޕޭމަންޓް ދައްކައިދޭ ޚާއްޞަ ދެ ސްކީމެއް ތަންފީޒުކުރުމަށް ރާއްޖޭގެ މައިގަނޑު 4 މާލީ އިދާރާއަކާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ހައުސިންގް މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.
މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބެވެ. ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް، އެމްއައިބީގެ އެމްޑީ މުފައްދަލް އިދްރީސް ހުމްރީ، އެޗްޑީއެފްސީގެ އެމްޑީ އަޙްމަދު ޒީނާދު އަދި އެމްއެފްއެލްސީގެ ސީއީއޯ އިބްތިޝާމާ އަޙްމަދު ސަޢީދެވެ.
ވޯލްޑް ބޭންކުގެ ފަންނީ އެހީތެރިކަމާއެކު ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ދިވެހިންނަށް ގެދޮރުވެރިވުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ބޭންކުތަކަށް އެއްފަހަރާ ދައްކަންޖެހޭ އިކުއިޓީ ޕޭމަންޓް ދެއްކުމުގެ ދަތިކަމެވެ. މިއަދު ތަޢާރަފްކުރި ދެ ސްކީމްގެ މައިގަނޑު އަމާޒަކީ މި ހުރަސް ނައްތާލައި، ސީދާ މާލީ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
1. ހެލްޕް ޓު ބިލްޑް (ގެދޮރު އެޅުމަށް އެހީވުން) މިއީ އަމިއްލަ ގޯއްޗެއް އޮވެ، ފައިސާގެ ދަތިކަމާހުރެ ގެދޮރު ނޭޅިފައިވާ ފަރާތްތަކަށް ހިލޭ އެހީ ދިނުމަށް އެކުލަވާލާފައިވާ ސްކީމެކެވެ.
އެހީގެ މިންވަރު: 1 މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ލިބޭނެއެވެ.
އާއިލީ ބިން: އާއިލީ ބިމެއްގައި ގިނަ ބަޔަކު އެކުވެގެން އިމާރާތްކުރާނަމަ، ކޮންމެ މީހަކަށް 200،000 ރުފިޔާގެ މަގުން ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީ ލިބޭނެއެވެ.
ޝަރުތުތައް: މާލެ އަދި އަތޮޅުތަކުގެ ރަށްރަށަށް މި ސްކީމް ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅެއް ނުހިމެނެއެވެ.
ފައިސާ އަނބުރާ ދެއްކުން: މިއީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެކެވެ. ނަމަވެސް 20 އަހަރު ނުވަނީސް އިމާރާތް ވިއްކާލައިފިނަމަ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.
2. ހެލްޕް ޓު ބައި (ގެދޮރު ގަތުމަށް އެހީވުން) މިއީ ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސްކީމެކެވެ.
އެހީގެ މިންވަރު: ޕީޕީޕީ އުސޫލުން އަޅާ 1.5 މިލިއަން ރުފިޔާގެ އެފޯޑަބަލް ހައުސިންގ ޔުނިޓެއް ނުވަތަ މާކެޓް ރޭޓުގައި ވިއްކާ ޔުނިޓެއް ގަތުމަށްވެސް 250،000 ރުފިޔާއާ ހަމައަށް އެހީ ދޭނެއެވެ.
ފައިސާ ދޫކުރުން: މި ފައިސާ ޖަމާކުރާނީ މާލީ އިދާރާ މެދުވެރިކޮށް ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަމުގައި އެހެން ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެމީހެއްގެ އަމިއްލަ މިލްކަކަށް ވާންޖެހޭއިރު، ދިރިއުޅޭ ގޭގެ ވަކި ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަވެސް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ "ބޯހިޔާވަހިކަން އެންމެންނަށް" މި އަމާޒުގެ މައްޗަށް ކަމަށެވެ. މީގެ ތެރޭގައި ސަރުކާރުން އަޅާ ފްލެޓްތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކުން އަޅާ ގެތައްވެސް އަތްފޯރާ އަގުގައި ލިބޭނެ މަގުފަހިކުރުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ސަރުކާރުން އަޅާ ހައުސިންގ ޔުނިޓްތައް އެންމެ ނިކަމެތި މީހުންނަށް ލިބޭނެ މަގުފަހިކޮށްދިނުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް