ސިޔާސީ

ރަސްމާލޭން އެއް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސެންޓްގެ ލިމިޓެއް

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ވިއްކާ ޕްރޮޕަޓީތައް ވަކި ގައުމެއްގެ ރައްޔިތުންނަށް ގަތުން ކޮންޓްރޯލްކުރުމުގެ ގޮތުން، އެއް ގައުމަކަށް އެންމެ ގިނަވެގެން 25 އިންސައްތައިގެ ލިމިޓެއް ގާނޫނީ ގޮތުން ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

20 October 2026
ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބު
ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބު

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ވިއްކާ ޕްރޮޕަޓީތައް ވަކި ގައުމެއްގެ ރައްޔިތުންނަށް ގަތުން ކޮންޓްރޯލްކުރުމުގެ ގޮތުން، އެއް ގައުމަކަށް އެންމެ ގިނަވެގެން 25 އިންސައްތައިގެ ލިމިޓެއް ގާނޫނީ ގޮތުން ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، މައިގަނޑު މުހިންމު ނުކުތާތަކެއް ހާމަކުރައްވާފައެވެ:

ޕްރޮޕަޓީ ގަތުމުގެ ލިމިޓާއި އިޒްރޭލު ރައްޔިތުންނަށް އޮތް މަނާކުރުން

  • ދިވެހިންނަށް ހުރަހެއް ނެތުން: ދިވެހި ރައްޔިތުންނަށް މި ތަންތަން ގަތުމުގައި އެއްވެސް މިންވަރެއްގެ ހިފެހެއްޓުމެއް ނޯންނާނެއެވެ.

  • ބޭރު މީހުންނަށް 25% ލިމިޓް: ބޭރުގެ ފަރާތްތަކުން ޕްރޮޕަޓީ ގަންނަނަމަ، ވަކި ގައުމަކަށް މެކްސިމަމް ލިބޭނީ 25 އިންސައްތައެވެ.

  • އިޒްރޭލަށް މަނާކުރުން: އިޒްރޭލުގެ ރައްޔިތަކަށް ރަސްމާލޭން އެއްވެސް ޕްރޮޕަޓީއެއް ހޯދުމާއި ގަތުން ގާނޫނުން މުޅިން މަނާކުރެވޭނެއެވެ. އެހެންކަމުން އިޒްރޭލާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ އަސާސެއް ނެތް "ބޭސްލެސް" ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

  • މާކެޓުގެ ޝައުގުވެރިކަން: މިހާރުވެސް ޕްރޮޕަޓީ ގަތުމަށް ޝައުގުވެރިކަން ފާޅުކުރަމުންދަނީ މުޅިންހެން ޖީސީސީ (GCC) އަދި މެދުއިރުމަތީގެ އަރަބި އިސްލާމީ ގައުމުތަކުންނެވެ.

ރައީސް އަލިއަޅުއްވާލެއްވި ގޮތުގައި، 1,000 އަކަފޫޓުގެ ޕްރޮޕަޓީއެއް ވިއްކަނީ ގާތްގަނޑަކަށް 600,000 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 9.2 މިލިއަން ރުފިޔާ) އެވެ. މިއީ ރާއްޖޭގެ މެދުފަންތިއާއި މެދުފަންތިން މަތީގެ ގިނަ ރައްޔިތުންނަށް ގަތުމުގެ މާލީ ގާބިލުކަން ހުރި އަގުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޝްރޫއުގެ ކޮންޓްރޯލާއި ދައުލަތަށް ލިބޭ ފައިދާ

  • ސަރުކާރުގެ ކޮންޓްރޯލް: ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މި މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށެވެ.

  • އެޑްވާންސް ފައިދާ: މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިންވެސް އެޑްވާންސްކޮށް 5,000 ހައުސިންގ ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެއެވެ.

  • އެސްކްރޯ އެކައުންޓް: ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށްވާތީ، ޑޮލަރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި ރިޒާވް ވަރުގަދަވާނެއެވެ.

  • ޓެކްސް އަދި ޑިއުޓީ: އެސްއީޒެޑް ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ދައުލަތަށް ލިބޭނެއެވެ.

ރައީސް މުއިއްޒު ކަށަވަރުކޮށްދެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ގާނޫނު ފޮނުވުމުން މި ހުރިހާ ރައްކާތެރިކަމުގެ އިންތައް ސާފުކޮށް ފެނިގެންދާނެއެވެ. އަދި ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އައިޑެންޓިޓީއާއި، އާދަކާދަތަކާއި، އަސާސްތައް ހިމާޔަތްކުރުމާއެކު އިޖުތިމާއީ ފޭރާމަށް ބަލައިގެން ކުރިއަށްދާ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް