ރާއްޖެއާއި ޕާކިސްތާނުން މުހިންމު 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޕާކިސްތާނަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި 20 ފަހުމުނާމާ )އެމްއޯޔޫ( އާއި އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޕާކިސްތާނަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި 20 ފަހުމުނާމާ (އެމްއޯޔޫ) އާއި އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގޭކޮޅުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ތަފްސީލީ މައުލޫމާތު އަދި ސަރުކާރުން ހާމަކުރައްވާފައި ނުވިނަމަވެސް، މައިގަނޑު ދާއިރާތައް ވަނީ ހާމަކުރައްވާފައެވެ.
ސޮއިކުރެވުނު މުހިންމު ދާއިރާތައް:
ދަތުރުފަތުރާއި ސިއްހަތު: ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އަލުން ފެށުމާއި، ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތްކުރުން.
ސެކިއުރިޓީ އާއި ރައްކާތެރިކަން: ސައިބާ ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މަސްތުވާތަކެތި ސްމަގްލްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ކަނޑުމަތީގެ ރައްކާތެރިކަމާއި ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުން.
އިޖުތިމާއީ އަދި އިގުތިސާދީ: އިޖުތިމާއީ ރައްކާތެރިކަމާއި، ސިއްހީ ދާއިރާގެ ގުޅުން އިތުރުކުރުމާއި، މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުން.
އެސްޓީއޯ މެދުވެރިކޮށް ވިޔަފާރިކުރުން: ޕާކިސްތާނުގެ ދަނޑުވެރިކަމުގެ ބާވަތްތައް އެސްޓީއޯ (STO) މެދުވެރިކޮށް ރާއްޖެ އެތެރެކުރުމާ ގުޅޭ ޚާއްސަ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.
މިއަދު ހެނދުނު ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގޭކޮޅުގައި ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވުމަށްފަހު، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބޭއްވިފައެވެ.
މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން 2015 ގައި ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ކުރިން ވަޑައިގެންފައިވަނީ ރައީސް މައުމޫން އަބްދުއްގައްޔޫމް އެކަނި ކަމަށްވާތީ، ރައީސް މުއިއްޒަކީ ޕާކިސްތާނަށް ވަޑައިގެންނެވި ދިވެހިރާއްޖޭގެ 3 ވަނަ ރައީސެވެ.
އެހެންކަމުން، ޕާކިސްތާނުން ވަނީ މި ދަތުރުފުޅަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. ރަސްމީ މަޝްވަރާތަކުގެ އިތުރުން، ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި ބޮޑުވަޒީރު ދެއްވާ ޚާއްސަ ފަރިއްކޮޅެއް އޮންނާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމާއި، "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ބޭއްވުން ހިމެނެއެވެ. މި ދަތުރުފުޅު ކުރިއަށްމިދަނީ ޖުލައި 26، 1966 ގައި ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް