ހަބަރު

އިސްލާމްއާބާދު ޔުނިވާސިޓީން ރައީސް ޑރ. މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ.

21 October 2026
އިސްލާމްއާބާދު ޔުނިވާސިޓީން ރައީސް ޑރ. މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ.

އެ ޔުނިވާސިޓީން ރައީސް މުއިއްޒަށް މި ޝަރަފު އެރުވީ، އެމަނިކުފާނު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ހާމަކުރި ގޮތުގައި، ރައީސް މުއިއްޒަށް މި އިއްޒަތްތެރި ޝަރަފު އެރުވީ މައިގަނޑު ތިން ކަމަކަށް ބަލައިގެންނެވެ:

  • ސިޔާސީ އަދި ޚާރިޖީ ޚިދުމަތްތައް: ސިޔާސީ އަދި ޚާރިޖީ ދާއިރާއިން އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން.

  • ގައުމީ ތަރައްގީ: ދިވެހިރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ސާބަސް ދިނުމުގެ ގޮތުން.

  • އިސްލާމްދީނުގެ ދިފާއު: އިސްލާމްދީނުގެ ހައްގުގައި އަދި ދީން ދިފާއުކުރެއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން 2015 ގައި ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ކުރިން ވަޑައިގެންފައިވަނީ ރައީސް މައުމޫން އަބްދުއްގައްޔޫމް އެކަނި ކަމަށްވާތީ، ރައީސް މުއިއްޒަކީ ޕާކިސްތާނަށް ވަޑައިގެންނެވި ދިވެހިރާއްޖޭގެ 3 ވަނަ ރައީސެވެ.

މި ދަތުރުފުޅަށް ޕާކިސްތާނު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީފައިވާއިރު، ރަސްމީ މަޝްވަރާތަކާއި، 20 އެމްއޯޔޫއެއްގައި ސޮއިކުރުމާއި، ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ޚާއްސަ ފަރިއްކޮޅެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމާއި "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ބޭއްވުން ހިމެނެއެވެ. މި ފުރަމާނަ ދަތުރުފުޅު ކުރިއަށްމިދަނީ ޖުލައި 26، 1966 ގައި ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް