ހަބަރު

ރަސްމާލެ މަޝްރޫއު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިނުގަތް ނިންމުން މުރާޖާކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރަސްމާލެ މަޝްރޫއު ހުއްޓުވުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި އިއްޔެ އެ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

22 October 2026
ސުޕްރީމް ކޯޓު - ފޮޓޯ: ސަން
ސުޕްރީމް ކޯޓު - ފޮޓޯ: ސަން

ރަސްމާލެ މަޝްރޫއު ހުއްޓުވުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި އިއްޔެ އެ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ސީދާ ބަލައިނުގަނެވޭނެ ކަމަށް ނިންމަވައި، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރަޖިސްޓްރާ އަންގަވާފައިވަނީ، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިޚްތިޞާޞް ލިބިގެންވާ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ބުނެއެވެ.

ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ދުސްތޫރީ ހުސްކަމެއް އުފެދިދާނެ ފަދަ މައްސަލަތަކާއި، ދައުލަތުގެ ބާރުތަކުގެ މެދުގައި ގާނޫނުއަސާސީ މާނަކުރުމާމެދު އުފެދޭ ޚިލާފުތަކާއި، އާންމު މަސްލަހަތާ ގުޅިފައިވާ ބޮޑެތި ދުސްތޫރީ މައްސަލަތަކެވެ.

ރަޖިސްޓްރާގެ ނިންމެވުން މުރާޖާކުރަން ލިބޭ 14 ދުވަހުގެ މުއްދަތު ހަމަނުވަނީސް، އަލީ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މައްސަލަ ބަލައިނުގަތުމުން އަލީ ވަނީ އެއީ ސަރުކާރުގެ ނުފޫޒުން ނިންމެވި ނިންމެވުމެއް ކަމަށް ތުހުމަތުކުރައްވައި، އެ މައްސަލައިގައި ގޮތެއް ނިންމަންވާނީ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކަމަށް ވިދާޅުވެފައެވެ.

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށްގެންދަން ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުއެވެ. 20 ބިލިއަން ޑޮލަރުގެ މި ބިޔަ އިންވެސްޓްމަންޓުގައި ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން ވިޔަފާރި މަރުކަޒުތައް ހިމެނެއެވެ.

ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ ރައްޔިތުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކާއި އެކްޓިވިސްޓުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މަޝްރޫއު ހުއްޓުވުމަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހިމޭން އިހުތިޖާޖެއްވެސް އަންނަނީ ހިންގަމުންނެވެ. ނަމަވެސް، އިޒްރޭލު މީހުންނަށް ރަސްމާލޭން ޕްރޮޕަޓީ ގަތުން ގާނޫނުން މަނާވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް