ހަބަރު

"ފެން ބޮޑުވުން ހައްލުވާނީ ފެން ހިންދާ ނިޒާމް އެއް ފުރާޅެއްގެ ދަށަށް ގެނެވިގެން"

އެ މައްސަލައަކީ މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރި ބުރަ މަސައްކަތުން ރަނގަޅު ހައްލެއް ހޯދާފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އަނެއްކާ ރޭ ރައްޔިތުން އެފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

22 October 2026
މާލޭގައި ފެން ބޮޑުވެފައި--ފޮޓޯ: މިހާރު
މާލޭގައި ފެން ބޮޑުވެފައި--ފޮޓޯ: މިހާރު

މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ވާނީ ފެން ހިންދާ ނިޒާމް އެއް ފުރާޅެއްގެ ދަށަށް ގެނެވިގެން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ މާލެ އަށް ކުރި ވިއްސާރައިގައި މަގުތައް ފެންބޮޑުވުމާ ގުޅިގެން އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.

އެ މައްސަލައަކީ މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރި ބުރަ މަސައްކަތުން ރަނގަޅު ހައްލެއް ހޯދާފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އަނެއްކާ ރޭ ރައްޔިތުން އެފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި މައްސަލަ މިހާ ބޮޑުވެގެން މިދިޔައީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ކުއްލިއަކަށް އެ ސަރަހައްދުތަކުން ނެގުމުގެ ސަބަބުން،" އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގެ ސްޓޯމް ވޯޓާ ސިސްޓަމް ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ ވެސް މުޅި ނިޒާމު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް އާޒިމް ވިދާޅުވި އެވެ. 

މާލެ ސިޓީ ކައުންސިލުން އެދެނީ ފެން ހިންދާ ނިޒާމު އެއް ފުރާޅެއްގެ ދަށުން ހަރުދަނާކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ކަމަށް އާޒިމް ވިދާޅުވި އެވެ. 

"ރައްޔިތުންނަށް މި ލިބޭ ތަކުލީފުތަކަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން މިހާރުން މިހާރަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން." އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މާލޭގެ އިތުރުން ދެކުނު ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. 

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް ތިން ދުވަހަކީ ވެސް އެފަދަ ގޮތަކަށް ބޯކޮށް ވިއްސާރަ ވެހޭނެ ދުވަސްތަކެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް