ރަސްމާލެ: 99 އަހަރަށް ދޫކުރި އެހެން ފަޅުތަކަށް ވުރެ ކުޑަ، އެކަމަކު އާމްދަނީ 80 ޕަސެންޓް އިތުރު!
މި މޮޑެލް އާ ނަމަވެސް، 99 އަހަރަށް ރާއްޖޭގެ ފަޅެއް ދޫކުރުމަކީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. މީގެ ކުރިން މިއަށްވުރެ، ބޮޑެތި ފަޅުތައް ކުޑަ އަގުތަކުގައި ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޫކުރި އެނބޫދޫ ފަޅުގެ މަޝްރޫއު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޫނު އަތޮޅާއި ވ އަތޮޅުން ދޫކުރި ފަޅުތަކުގެ މަޝްރޫއުތައް ހިމެނެ އެވެ.
ދުބާއީގެ އީގަލް ހިލްސް އިން ރަސްމާލެ ސަރަހައްދުގައި 12 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ހިންގުމަށް ސަރުކާރުން އިއުލާނުކޮށް އެކަމުގެ އިނީޝަލް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މަޝްރޫއު އިއުލާނު ކުރުމާ އެކު މިވީ ކުރު މުއްދަތުގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ތަފާތު އެކި ގޮތްގޮތަށް އެކި ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ.
އެ ޕްރޮޖެކްޓް ކާމިޔާބުވާނެ ކަމާ މެދު އެއްބަޔަކު ސުވާލު އުފައްދާ އިރު އަނެއް ބަޔަކު ސުވާލު އުފައްދަނީ އެހާ ބޮޑު ބިމެއް ތަފާތު މޮޑެލްއަކަށް ބޭރުގެ ބަޔަކާ ހަވާލު ކުރާތީ އެވެ. މި ނޫން ވެސް އެކި ވާހަކަތައް ޕްރޮޖެކްޓާ ގުޅޭ ގޮތުން ދައްކާ އިރު ގިނައިން މިވާހަކަތަކުގައި ހިމެނޭ ސިޔާސީ ވިސްނުމާއި އެހެން އަމިއްލަ އެޖެންޑާތަކެވެ. މިހާ ބިޔަ ޕްރޮޖެކްޓަކުން އަންނާނެ ތަރައްގީގެ ތަސައްވަރު އަންދާޒާކުރުން އެއީ ފަސޭހަކަމެއް ކަމެއް ވެސް ނޫންނެވެ. އެކަމަކު މިއީ ރާއްޖެއަށް އާ މޮޑެލެއް ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ މޮޑެލްތައް ތަޖުރިބާކޮށް އޭގެ ގިނަ އިގްތިސާދީ ފައިދާތައް ވެފައިވާކަން ވެސް ފެންނަން އެބަ ހުއްޓެވެ. މިސާލަކަށް ސިންގަޕޫރުގެ ޕަންގަލް ޓައުން އާއި އެމެރިކާގެ ލޭކްވުޑް ރޭންޗާއި ސައުތު ކޮރެއާގެ ސޮންޑޫ އިންޓަނޭޝަނަލް ބިޒްނަސް ޑިސްޓްރިކްޓް ތަރައްގީކޮށް އެގައުމުތަކުން އަންނަނީ އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް އޭގެ މަންފާތައް ހާސިލުކުރަމުންނެވެ.
މި މޮޑެލް އާ ނަމަވެސް، 99 އަހަރަށް ރާއްޖޭގެ ފަޅެއް ދޫކުރުމަކީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. މީގެ ކުރިން މިއަށްވުރެ، ބޮޑެތި ފަޅުތައް ކުޑަ އަގުތަކުގައި ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޫކުރި އެނބޫދޫ ފަޅުގެ މަޝްރޫއު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޫނު އަތޮޅާއި ވ އަތޮޅުން ދޫކުރި ފަޅުތަކުގެ މަޝްރޫއުތައް ހިމެނެ އެވެ.
ޔަގީނުންވެސް އެފަދަ ފަޅުތަކުން ބޮޑަށް ފައިދާ ހޯދަމުން އަންނަނީ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނެވެ.
އެނބޫދޫ (ކްރޮސްރޯޑްސް)
ކުރީގެ ރައީސް ޔާމިން ސަރުކާރުން ކްރޮސްރޯޑްސް ތަރައްގީކުރަން ތައިލެންޑްގެ ކުންފުނި ސިންހާ އެސްޓޭޓާ ހަވާލު ކުރީ 2015 ވަނަ އަހަރު އެވެ. އެނބޫދޫ ފަޅުގެ 750 ހެކްޓަރުގެ ބިން ދޫކޮށްފައިވަނީ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) ދައްކައިގެންނެވެ.
އެ ސަރަހައްދުގެ ބޮޑުބައި ހާއްސަކޮށްފައިވަނީ ޓޫރިސްޓު ރިސޯޓުތައް އެޅުމަށެވެ. މާލޭގެ ދެކުނު ފަރާތުން ފުރަތަމަ އަށް އޮންނަ އެ ބޮޑު ފަޅުގައި ޖުމްލަ ނުވަ ރަށް ތަރައްގީކުރަން ނިންމި އެވެ. އެއީ ގާތްގަނޑަކަށް 1،300 އެނދެވެ. އެކަމަކު މިހާތަނަށް އެ ސަރަހައްދުގައި ތަރައްގީ ކުރެވުނީ ތިން ރިސޯޓެވެ. ބާކީ ރަށްތައް އަދިވެސް އަންނަނީ ތަރައްގީ ކުރަމުންނެވެ. ކްރޮސްރޯޑްސްގެ މުޅި މަޝްރޫއު ނިމޭ އިރު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އޭރު ލަފާކުރި އެވެ.
އެ މަޝްރޫއު އެންމެ ފުރަތަމަ 50 އަހަރަށެވެ. އަދި އިތުރު 10 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ދައުލަތަށް ދައްކައިގެން 99 އަހަރަށް އެތަނުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެ ތަނުން އަހަރަކު ދައުލަތަށް ދައްކަން ޖެހެނީ ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) އެވެ. އެހެންވެ، އެ ބޮޑު މަޝްރޫއިން ދައުލަތަކަށް 99 އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރަނީ 198 މިލިއަން ޑޮލަރު އެވެ.
ނޫނު އަތޮޅުގައި ވާވު އަތޮޅުގެ ފަޅު
ރައީސް ޔާމިން ސަރުކާރެކޭ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް 99 އަހަރަށް ރަސްމާލެއަށް ވުރެ ބޮޑު ދެ ފަޅު ދޫކޮށްފައިވެ އެވެ. އެއީ ނޫނު އަތޮޅުން 750 ހެކްޓަރުގެ ފަޅަކާއި ރާއްޖޭގައި އޮތް އެންމެ އެއް ފަޅު ވާވު ފޮއްތެޔޮ ފަޅުން 700 ހެކްޓަރެވެ. އެ ދެ މަޝްރޫއު ވެސް ދޫކުރީ 2023 ވަނަ އަހަރު އެވެ.
ނޫނު އަތޮޅުން ދޫކުރި ފަޅަކީ ރާއްޖެއިން މިހާތަނަށް ބަޔަކަށް ދިން އެންމެ ބޮޑު ފަޅެވެ. އެ ފަޅުގެ އެކުއިޒިޝަން ކޮސްޓަކީ 27 މިލިއަން ޑޮލަރު (415 މިލިއަން ރުފިޔާ) އެވެ. ރާއްޖޭގެ ބިމުގެ އަގު އުފުލެނީ ނުވަތަ ޑިމާންޑް އިތުރު ވަނީ މާލެއާ ކައިރިވުމުންނެވެ. އެއީ އެތަނުގެ އަގު އެނބުދޫ ފަޅާއި ވާވު އަތޮޅުގެ ފަޅަށް ވުރެ ކުޑަވި ސަބަބަކަށް ވެދާނެ އެވެ. ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުން ދޫކުރި އެފަޅުގައި 30 ވިލާ އަޅަން ވަނީ ނިންމާފަ އެވެ.
ވާވު އަތޮޅުން ދޫކުރި 700 ހެކްޓަރު ބިމުގެ އެކުއިޒިޝަން ކޮސްޓަކީ 38 މިލިއަން ޑޮލަރު (586 މިލިއަން ރުފިޔާ) އެވެ. އެތަނުގައި އެއާޕޯޓެއްވެސް އަޅަން އެކުންފުނިން ވަނީ އެއްބަސްވެފަ އެވެ. އެ މަޝްރޫއު ވެސް އެންމެ ފުރަތަމަ ދިނީ 50 އަހަރަށެވެ. އަދި އިތުރު 10 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ދައުލަތަށް ދައްކާ 99 އަހަރަށް އެތަނުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އެދެ މަޝްރޫއު އިން ވެސް އަހަރު ދައުލަތަށް ވަންނާނީ 2 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) އެވެ. އަދި ކޮންމެ މަޝްރޫއު އަކުން 99 އަހަރުގައި ދައުލަތަށް ވަންނާނީ އެންމެ 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެވެ.
މި މަޝްރޫއުތަކާ ރަސްމާލެ ތަފާތީ ކީއްވެ؟
މި ތިން މަޝްރޫއުއާ ރަސްމާލެ ތަފާތުވާ ވަރަށް ގިނަ ސަބަބުތައް އެބަ ހުއްޓެވެ. އެނބޫދޫ އާއި ވާވު އަތޮޅާއި ނޫނު އަތޮޅުގެ ފަޅުގައި ތަރައްގީ ކުރާ މަޝްރޫއުތަކަކީ ޓޫރިޒަމަށް ހާއްސަކޮށް ތަރައްގީ ކުރާ ސަރަހައްދުތަކެވެ. އަދި ފުށިދިއްގަރު ފަޅުން 500 ހެކްޓަރު މި ދޫކުރަނީ އެ ފަޅު ސަރުކާރުގެ ހަރަދުގައި ހިއްކުމަށްފަހު އެވެ. މުޅި ރަސްމާލެ ހިއްކަން 500 މިލިއަނެއްހާ ޑޮލަރު ހަރަދުވާ ކަމަށް ހިސާބުތަކުން ދައްކާއިރު، އީގަލްސް ހިލްސްއަށް ދޫކުރާ ބިމަށް، 250 މިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ބެލޭނެ އެވެ. ނަމަވެސް، ހިއްކަން ދިޔަ ހަރަދު ކެނޑުމުން ވެސް، މި ތިން މަޝްރޫއުން ލިބޭނެ ފައިދާ އެތައް ގުނައެއް އިތުރެވެ.
ރަސްމާލެ މަޝްރޫއު 99 އަހަރަށް ދޫކުރާ އިރު އެޑްވާންސްގެ ގޮތުގައި 5،000 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމާފަ އެވެ. ހިސާބުތަކުން ދައްކާ ގޮތުން އޭގެ އަގު 500 މިލިއަން ޑޮލަރަށް އަރަ އެވެ. އެހެންވެ، އެ މަޝްރޫއުއިން ފުރަތަމަ ލިބޭ ފައިސާ ސީދާ ހޭދަކުރަނީ، ދިވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެ މަޝްރޫއުގެ ކާމިޔާބުވެއްޖެ ނަމަ، ދިވެހި 5،000 އާއިލާއަކަށް ދިރިއުޅޭނެ ތަނެއް ކަށަވަރުވީ އެވެ.
ރަސްމާލެއަށް ދޫކުރި ބިމުގައި 8،000 ޔުނިޓް އެޅުމަށް ނިންމާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 10 ހޮޓަލައި ސްކޫލާއި ޓާޝަރީ ހޮސްޕިޓަލަކާއި އެނޫން ވެސް ލަގްޒަރީ އޭރިއާއަކަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭ އިމާރާތްތަކެވެ. އަދި އެތަނުން މަހުޖަނުންނަށް ވިއްކާ ކޮންމެ ޕްރޮޕަޓީއެއްގެ 14 ޕަސެންޓް ސަރުކާރަށް ސީދާ ވަންނާނެ އެވެ. އެ ޕްރޮޖެކްޓްގެ ތެރެއިން 10 އަހަރުން ތެރޭ ދައުލަތަށް 3.1 ބިލިއަން ޑޮލަރު (47 ބިލިއަން ރުފިޔާ) ވަންނާނެ ކަމަށް ހިސާބުތަކުން އެނގެ އެވެ. އޭގެ އިތުރުން ޓީޖީއެސްޓީ އާއި ޖީޖީއެސްޓީ މެދުވެރިކޮށް ދައުލަތަށް ޓެކްސް ވެސް ވަންނާނެ އެވެ.
އެހެންވެ، މީގެ ކުރީ ދެ ސަރުކާރަކުން 99 އަހަރަށް ދޫކުރި ފަޅުތަކަށް ވުރެ ރަސްމާލެ އިން ވަންނަ އާމްދަނީ 93 ޕަސެންޓް އިތުރެވެ. އެއީ ކުރީ ސަރުކާރުތަކުން 99 އަހަރަށް ދޫކުރި ކޮންމެ ފަޅަކަށް ވުރެ 15 ގުނަ އިތުރު އަދަދެކެވެ. އެނބޫދޫ އާއި ނޫނާއި ވާވު އަތޮޅުގެ ފަޅުން ޖުމްލަކޮށް ސީދާ ދައުލަތަށް ވަންނާނީ 594 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) އެވެ. އެ ތިން މަޝްރޫއުއިން ޖުމްލަ ވަންނަ އާމްދަނީއަށް ވުރެ ރަސްމާލެއިން ލިބޭ އާމްދަނީ ފަސް ގުނަ ނުވަތަ 80 ޕަސެންޓް އިތުރެވެ.
ކުރިން ހިންގި އެހެން މަޝްރޫއުތަކާ އެއް މޮޑެލްއަކަށް އެ މަޝްރޫއު ހަވާލުކޮށްގެން ޓޫރިޒަމްގެ ގާނޫނުގެ ތެރެއިން ދައުލަތަށް އެންމެ ގިނަވެގެންވެސް ލިބޭނީ 306 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، އާ މޮޑެލްގެ ތެރެއިން ދައުލަތަށް ވަންނަ އާމްދަނީ 10 ގުނަ އިތުރު ކުރަން ފުރުސަތު ލިބެ އެވެ. އެކަން ފަހިވެއްޖެ ނަމަ، ރާއްޖޭގެ އިގްތިސާދު އެތައް ގުނައެއް ބޮޑުވެ، އާންމު ރައްޔިތުންނަށް އެކަމުގެ ފައިދާތައް ފެންނަން ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް