ހަބަރު

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 80 އަށްވުރެ ގިނަ ތަނަކަށް ފެންވަދެގެން ރިޕޯޓުކޮށްފި

މާލެއަށް ރޭ މެދުނުކެނޑި ބޯކޮށް ވާރޭވެހި މުޅި ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން، 80 އަށްވުރެ ގިނަ އިމާރާތަށް ފެންވަދެގެން އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން ހާމަކޮށްފިއެވެ.

22 October 2026
ރޭގެ ވިއްސާރާގައި މާލޭގައި ފެން ބޮޑުވެފައި
ރޭގެ ވިއްސާރާގައި މާލޭގައި ފެން ބޮޑުވެފައި

މާލެއަށް ރޭ މެދުނުކެނޑި ބޯކޮށް ވާރޭވެހި މުޅި ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން، 80 އަށްވުރެ ގިނަ އިމާރާތަށް ފެންވަދެގެން އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، ސަރުކާރުގެ އިމާރާތްތަކާއި، ސްކޫލްތައް އަދި ކްލިނިކްތައް ހިމެނޭހެން ޖުމްލަ 89 ތަނަކަށް ފެންވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ.

ފެންވަދެގެން އެހީއަށް އެދުނު ތަންތަނުގެ ތަފްސީލު:

  • އާންމު ގޭގެ: 33 ގެ

  • ފިހާރަތައް: 35 ފިހާރަ

  • ކެފޭ / ރެސްޓޯރަންޓް: 6 ތަން

  • ސަރުކާރާއި އަމިއްލަ އެކި އިމާރާތްތައް: 5 ތަން

  • ސްކޫލްތައް: 4 ސްކޫލް

  • ކްލިނިކް: 2 ކްލިނިކް

  • ގުދަން: 2 ގުދަން

  • އޮފީސް އިމާރާތް: 1 ތަން

  • ކޮންސްޓްރަކްޝަން ސައިޓް: 1 ތަން

    އެންޑީއެމްއޭއިން ބުނި ގޮތުގައި ފެންބޮޑުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީ ކައުންސިލާ 10,000 ވެލިބަސްތާ ވަނީ ހަވާލުކޮށްފައެވެ. އަދި ރޭގައި ފެން ބޮޑުވި 31 ތަނަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މެޓިއޮރޮލޮޖީ މައުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވަނީ 90 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާތީ، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް