އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް: ނަޝީދު
ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކުރުމަކީ ދިވެހިރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކުރުމަކީ ދިވެހިރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ އަލައްބާރަށް ފުރައްސާރަކުރުމުގެ ސަބަބުން، މިހާރުވެސް ރާއްޖޭގައި ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ހުއްޓުން އައުމުގެ ފުރުސަތު އޮތް ކަމަށެވެ.
އީގަލް ހިލްސްގެ މަޝްރޫއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާކަން ހަނދާންކޮށްދެއްވަމުން، ކުރީގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކުރީވެސް ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކެވުމުންކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ޕާޓީގެ ސިޔާސަތާ ޚިލާފަށް އެމްޑީޕީގެ މެމްބަރުން ވާހަކަނުދެއްކެވުމަށް ނުސީދާކޮށް އިލްތިމާސްކުރެއްވިއެވެ.
މި މަޝްރޫއާ ދެކޮޅަށް ނަޝީދު ސީދާ މަސައްކަތްޕުޅެއް ނުކުރައްވައެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިފަދަ މަޝްރޫއެއް ރާއްޖޭގައި ހިންގުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ކަންބޮޑުވުމަކީ އެ މަޝްރޫއު މާލެ ސަރަހައްދުގައި ކުރިއަށްގެންދިއުމެވެ.
އެމްޑީޕީން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އިގުތިސާދު ފުޅާކޮށް ޕްރައިވެޓް ސެކްޓަރަށް ފުރުސަތުތައް ހުޅުވާލުމަށްޓަކައި ހަރުދަނާ އުސޫލުތަކުގެ ތެރެއިން އަންނަ ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.
ނަމަވެސް، އީގަލް ހިލްސްގެ މުއާމަލާތާ ގުޅިގެން އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކުރާ މައުލޫމާތުގައި ބޮޑެތި ފުުށުއެރުންތަކެއް ހުރިކަން ފާހަގަކޮށް، އެ މުއާމަލާތުގެ ހުރިހާ ތަފްސީލެއް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް