ހަބަރު

72 ކިލޯގެ ޑްރަގް މައްސަލާގައި ހިމެނޭ ވިޝާމް ތައިލެންޑުން ހައްޔަރުކޮށްފި

ތައިލެންޑުގެ ވެރިރަށް ބެންކޮކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ދިވެހިންގެ ތެރޭގައި، މީގެ ހަ އަހަރު ކުރިން ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ ބޮޑު މައްސަލައިގައި ތުހުމަތުކުރެވުނު ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް ހިމެނޭކަން ހާމަވެއްޖެ އެވެ.

07 October 2026
72 ކިލޯ ޑްރަގު މައްސަލައިގައި ހައްޔަރުކުރި ތަޣިއްޔު އަދި ވިޝާމް
72 ކިލޯ ޑްރަގު މައްސަލައިގައި ހައްޔަރުކުރި ތަޣިއްޔު އަދި ވިޝާމް

ތައިލެންޑުގެ ވެރިރަށް ބެންކޮކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ދިވެހިންގެ ތެރޭގައި، މީގެ ހަ އަހަރު ކުރިން ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ ބޮޑު މައްސަލައިގައި ތުހުމަތުކުރެވުނު ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް ހިމެނޭކަން ހާމަވެއްޖެ އެވެ.

ތައިލެންޑުގެ ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ހިންގި މި ހާއްސަ އޮޕަރޭޝަން ފެށުނީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ އޮފީހަކަށް ފޮނުވާފައި ހުރި ޕާރުސަލްތަކަކުން ނުބައި ވަސް ދުވާތީ، އެ ތަކެތީގައި މަސްތުވާތަކެތި ހުރެދާނެ ކަމަށް ބަލައި ފުލުހުންނަށް ރިޕޯޓްކުރުމުންނެވެ.

އެ ކާގޯ އޮފީހުން ޕާރުސަލްތަކާ ހަވާލުނުވުމުން، ވިޝާމްމެން ވަނީ އެ ތަކެތި ސޫކުމްވިޓް ސަރަހައްދުގައި އެމީހުން ތިބި ކޮޓަރިއަށް ގެންގޮސްފައެވެ. ފުލުހުން އެ ކޮޓަރި ބަލައިފާސްކުރިއިރު، ތަރުމޯޒާއި ކުޑަކުދިންގެ އަންނައުނުތަކުގެ ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތު (އައިސް) އާއި 10 ކިލޯގެ ކެނަބިސް ވަނީ އަތުލައިގެންފައެވެ.

72 ކިލޯގެ ޑްރަގް މައްސަލައިގެ ފަސްފަހަތް

ވިޝާމަކީ ޑިސެމްބަރު 2020 ގައި "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ފުލުހުން އެންމެ އިސްކޮށް ތުހުމަތުކުރި އެކަކެވެ.

  • ދައުވާ އަނބުރާ ގެންދިއުން: އެ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް، މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބަލައި ކުށް ސާބިތުވާވަރަށް ހެކި ނެތް ކަމަށް ބުނެ ދައުލަތުން ވަނީ ވިޝާމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައެވެ.

  • ކޯޓުގެ ނިންމުން: އެ މައްސަލައިގައި ދައުވާ ކުރިއަށްދިޔަ އެހެން މީހުންގެ މައްޗަށްވެސް ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުމުން، ދައުލަތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ތައިލެންޑް ފުލުހުން ބުނެފައިވާ ގޮތުގައި، ހައްޔަރުކުރި ދިވެހިންނަކީ ގްރޫޕަކާ ގުޅިގެން މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގަމުންދިޔަ ބައެކެވެ. ނަމަވެސް ތަހުގީގުގައި އެމީހުން ވަނީ ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް