އިގްތިސާދު

ރާއްޖޭގައި ބަންގްލަދޭޝް ބޭންކުތަކުގެ ގޮފިތައް ހުޅުވަން މަޝްވަރާ ފަށައިފި

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް އެ ގައުމަށް ރައްކާތެރިކަމާއެކު ފައިސާ ފޮނުވުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް )ބްރާންޗް( ހުޅުވުމަށް ދިވެހި ސަރުކާރާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.

23 October 2026
ރާއްޖޭގައި ބަންގްލަދޭޝް ބޭންކުތަކުގެ ގޮފިތައް ހުޅުވަން މަޝްވަރާ ފަށައިފި

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް އެ ގައުމަށް ރައްކާތެރިކަމާއެކު ފައިސާ ފޮނުވުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް (ބްރާންޗް) ހުޅުވުމަށް ދިވެހި ސަރުކާރާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.

ބަންގްލަދޭޝްގެ ދައުލަތުގެ ނޫސް އޭޖެންސީ (ބީއެސްއެސް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކަމުގައި އެމްއެމްއޭގެ އެއްބާރުލުން ހޯދުމަށް ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު މުހައްމަދު މުސްތާގުރު ރަހުމާން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރަށް މި މަހުގެ 8 ވަނަ ދުވަހު ރަސްމީ ސިޓީއެއް ފޮނުއްވާފައެވެ.

ބަންގްލަދޭޝްގެ އަމިއްލަ ބޭންކުތައް ކަމަށްވާ 'ބްރެކް ބޭންކް' އާއި 'ނޭޝަނަލް ބޭންކް' ފަދަ ތަންތަނުން ރާއްޖޭގައި ގޮފިތައް ހުޅުވުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތައް މިހާރު ވަނީ ހަދައި ނިންމާފައެވެ. އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނުގެ ބޭންކުތައްވެސް ރާއްޖޭގައި ހިންގަމުން އަންނާތީ، ބަންގްލަދޭޝްގެ ބޭންކުތަކަށްވެސް އެ ފުރުސަތު ދިވެހިރާއްޖެއިން ލިބެންޖެހޭނެ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ދެކެއެވެ.

ރަސްމީ ނިޒާމުގެ ތެރެއިން ފަސޭހައިން ފައިސާ ފޮނުވޭނެ މަގުތައް ފަހިކުރުމަށް ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ވަނީ މައިގަނޑު ތިން ގޮތެއް ހުށަހަޅާފައެވެ:

  1. އޭސީޔޫ މެދުވެރިކޮށް ދިވެހި ރުފިޔާ ބޭނުންކުރުން: ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުން ރުފިޔާއިން ފައިސާ ފޮނުވުމުން، ބަންގްލަދޭޝްގައި ތިބޭ އާއިލާތަކަށް އެ ގައުމުގެ ފައިސާ ('ޓާކާ') އިން ލިބޭނެ ގޮތް ހެދުން.

  2. ޓާކާ ކާޑު ނިޒާމު: ރާއްޖެއަށް ދަތުރުކުރާ ބަންގްލަދޭޝް ރައްޔިތުންނަށް 'ޓާކާ ކާޑު' ދޫކޮށް، ދިވެހި ރުފިޔާއިން ޚަރަދުތައް ހަމަޖެއްސޭނެ ރަސްމީ އިންތިޒާމެއް ގާއިމުކުރުން.

  3. ކަރަންސީ ސްވޮޕް އެއްބަސްވުން: ދެ ގައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި 'ބައިލެޓަރަލް ކަރަންސީ ސްވޮޕް' އެއްބަސްވުމެއް ހަދައި، ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުން.

ރާއްޖޭގައި އުޅޭ 100,000 އަށްވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީކޮށް ފޮނުވާ ފައިސާގެ އަދަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު:

  • 2024-2025 ގައި ރާއްޖެއިން 141.1 މިލިއަން ޑޮލަރު ފޮނުވި ނަމަވެސް، 2025-2026 ގައި އެ އަދަދު ވަނީ 118 މިލިއަން ޑޮލަރަށް (%16.4) ދަށަށް ގޮސްފައެވެ.

  • މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފޮނުވާފައިވަނީ އެންމެ 38.05 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ބޭންކުތަކުން ސީދާ ދިވެހި ރުފިޔާ ބަލައިގަތުމަށް އުޒުރުވެރިވުމާއި، ރަސްމީކޮށް ފައިސާ ފޮނުވަން ބޮޑު ކޮމިޝަނެއް ދައްކަންޖެހުމުން، ގިނަ މަސައްކަތްތެރިންނަށް އޮންނަނީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުން ނުވަތަ 'ހުންޑީ' ފަދަ ނުރަސްމީ ވަސީލަތްތައް ބޭނުންކުރަން މަޖުބޫރުވެފައެވެ.

ބަންގްލަދޭޝް ބޭންކުން ބުނި ގޮތުގައި މި ހުށަހެޅުންތައް އަމަލީގޮތުން ތަންފީޒުކުރެވޭނީ އެމްއެމްއޭގެ ޖަވާބަކަށް ބިނާކޮށް، ދެ ގައުމުގެ ގާނޫނީ އިމުގެ ތެރެއިންނެވެ. އަދި ފަންނީ މަޝްވަރާތައް ކުރިއަށްދާ ވަރަކުން، އެ ބޭންކާއި ހައި ކޮމިޝަން ހިމެނޭ ޚާއްސަ ވަފުދެއް އެމްއެމްއޭއާ ބައްދަލުކުރަން އޮތީ ތައްޔާރަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް