ރަސްމާލެ

2040 ގެ ރާއްޖޭގެ ތަސައްވުރަށް ރަސްމާލެ ވޯޓާފްރަންޓް މަޝްރޫއު މުހިންމު

ވަޒީރު ވިދާޅުވީ، ރައީސްގެ މި މުހިންމު ތަސައްވުރު ޙާޞިލުކުރުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފައިގެން، ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ރިއަލްއެސްޓޭޓް ޓޫރިޒަމް ފުޅާކުރުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

24 October 2026
ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވާހަކަ ދައްވަނީ

-- ފޮޓޯ ޕީއެސްއެމް
ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވާހަކަ ދައްވަނީ -- ފޮޓޯ ޕީއެސްއެމް

ރާއްޖެއަކީ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ދައުލަތަށް އެންމެ ހިރާސް (ރިސްކް) ކުޑަ އަދި އިޤްތިޞާދީ ގޮތުން އެންމެ ފައިދާހުރި މަޝްރޫޢުކަމަށް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސްގެ މި މުހިންމު ތަސައްވުރު ޙާޞިލުކުރުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފައިގެން، ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ރިއަލްއެސްޓޭޓް ޓޫރިޒަމް ފުޅާކުރުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮޕަޓީތަކުގެ ބާރު ދައުލަތަށް އޮވެ، ވެރިފަރާތް ބަދަލުވާ ކޮންމެ މުޢާމަލާތަކުން ސަރުކާރަށް އާމްދަނީ ލިބޭނެގޮތަށް 99 އަހަރަށް ދޫކުރުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ތަސައްވުރުގެ ތެރެއިން ދައުލަތަށް ލިބޭނެ ބޮޑެތި މަންފާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީގެ ފުރަތަމަ މުޢާމަލާތުން އެކަނިވެސް ދައުލަތަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. މީގެ އިތުރުން މަޝްރޫޢު އެއްކޮށް ނިމުމުން ރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމުގެ އިތުރުން، އަމިއްލަ ދާއިރާއިން 15،000 އަށްވުރެ ގިނަ ވަޒީފާ އުފެދި، ސަރުކާރުގެ ވަޒީފާތަކަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް