ސިޔާސީ

އީގަލް ހިލްސް މައްސަލައިގައި އެމްޑީޕީ އެތެރެ ބައިބައިވެ، ނަޝީދުގެ ރައްދެއް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވީ، އަލައްބާރަކީ ޔަހޫދީން ކުރިއަރުވާ މީހެއް ކަމަށް ބުނުމަކީ ހުތުރު ކަމެއް ކަމަށާއި، ޕާޓީން އެހާ ހަނި ވިސްނުމެއް ގެންގުޅުމަކީ ޕާޓީއަށް ލިބޭނެ ގެއްލުމެއް ކަމަށެވެ.

24 October 2026
ބައިބައިވުން އުފެދިފައިވާ ރައީސް ނަޝީދު އަދި ރައީސް ސޯލިހު، ދެ ފެކްޝަންގެ ކޯޅުން ބޮޑު
ބައިބައިވުން އުފެދިފައިވާ ރައީސް ނަޝީދު އަދި ރައީސް ސޯލިހު، ދެ ފެކްޝަންގެ ކޯޅުން ބޮޑު

ރަސްމާލޭގެ ވޯޓާ ފްރަންޓް މަޝްރޫއާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ، ޕާޓީގެ އިސް މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގައިފިއެވެ. މި ބަހުސް އުފެދިފައިވަނީ، އީގަލް ހިލްސް ކުންފުންޏާއި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރުގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވީ، އަލައްބާރަކީ ޔަހޫދީން ކުރިއަރުވާ މީހެއް ކަމަށް ބުނުމަކީ ހުތުރު ކަމެއް ކަމަށާއި، ޕާޓީން އެހާ ހަނި ވިސްނުމެއް ގެންގުޅުމަކީ ޕާޓީއަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތާ ދެކޮޅަށް މެމްބަރުން ވާހަކަ ނުދެއްކުމަށް އެދިވަޑައިގެން، ކުރިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކުރީވެސް ޕާޓީގެ ސިޔާސަތާ ދެކޮޅަށް އަމަލުކުރުމުންކަން ނަޝީދު ވަނީ ހަނދާންކޮށްދެއްވާފައެވެ.

ނަމަވެސް ނަޝީދުގެ މި ވާހަކަފުޅުތަކަށް ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްދު ދެއްވާފައެވެ. އެގޮތުން ގައުމީ މަޖިލީހުގެ މެމްބަރު އަދި ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވަނީ، އީގަލް ހިލްސްއާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތައް ނުހުއްޓޭނެ ކަމަށް ވިދާޅުވެފައެވެ. އަދި "ހަމަ އެކަކަށްވެސް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ" ކަމަށް ވިދާޅުވެ، އެ ވާހަކަ ދެއްކުން ހުއްޓާލުމަށް މަހުފޫޒު ވަނީ ނަޝީދަށް ގޮވާލައްވާފައެވެ.

އެމްޑީޕީން ރަސްމީކޮށް ނެރެފައިވާ ބަޔާނެއްގައި ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާކަމަށް ބުނެފައިވީ ނަމަވެސް، އީގަލް ހިލްސްއާ ސަރުކާރުން ހަވާލުކުރި މަޝްރޫއުގެ މައްސަލައިގައި ޕާޓީގެ އެތެރޭގައި މިވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެ މަޝްރޫއާ ގުޅިގެން އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި ހުރި ޔޫއޭއީގެ އިންވެސްޓްމަންޓްތަކަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް