އިގްތިސާދު

ދައުލަތުގެ ހަރަދުތައް %18 މައްޗަށް، ސަބްސިޑީ % 75 އިތުރު

ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 35.456 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 30.008 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.2 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

07 October 2026
ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް
ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ދައުލަތުން ކުރި ހަރަދުތައް އިންތިހާއަށް އިތުރުވެ، ސަބްސިޑީއަށް ދޫކުރި ފައިސާގެ އަދަދު 75 އިންސައްތަ މައްޗަށް ހިނގައްޖެއެވެ.

މާލީ ވުޒާރާއިން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 01 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 35.456 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 30.008 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.2 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ހަރަދުތައް އެންމެ ބޮޑަށް އުފުލިފައިވަނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާގެ ތެރެއިންނެވެ. އެގޮތުން، ދައުލަތުން ދޭ ސަބްސިޑީއަށް ކުރި ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ހަރަދު ވެސް ވަނީ 25.1 އިންސައްތަ އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. މީގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 5.555 ބިލިއަން ރުފިޔާ (14.1 އިންސައްތަ އިތުރުވުމެއް) ވަނީ ހޭދަކޮށްފައެވެ.

ހިންގުމުގެ ހަރަދުގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު (ކެޕިޓަލް އެކްސްޕެންޑިޗާ) ވެސް ވަނީ 15.9 އިންސައްތަ އިތުރުވެ، 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރޭގައި ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 34.1 އިންސައްތަ ވަނީ އިތުރުވެފައެވެ.

ދައުލަތުގެ ހަރަދުތައް 18.2 އިންސައްތައިން މައްޗަށް ގޮސްފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީއަށް ލިބިފައިވަނީ 30.879 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އެންމެ 1.8 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީއަށް ބަލާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ. އެއީ 8.062 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.4 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.8 އިންސައްތަ ކުރިއަރައި، 23.835 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް އާއި، އިމްޕޯޓް ޑިއުޓީ އަދި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު ފައިސާ އިތުރުވުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް