2027 ބަޖެޓް

2027 ނިމޭއިރު ރިޒާވް ހުންނާނީ 1 ބިލިއަން ޑޮލަރާ ގާތުގަ

އަންނަ 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، ފަތުރުވެރިކަން ފުޅާވުމާއެކު ދައުލަތުގެ ރަސްމީ ރިޒާވް 907.2 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

29 October 2026
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

އަންނަ 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، ފަތުރުވެރިކަން ފުޅާވުމާއެކު ދައުލަތުގެ ރަސްމީ ރިޒާވް އެއް ބިލިއަން ޑޮލަރާ ގާތަށް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

މަޖިލީހުގައި ބަޖެޓު ބަޔާން ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ޖުމްލަ ރިޒާވް 907.2 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެންދާނެ އެވެ.

މިނިސްޓަރު ވިދާޅުވީ 2027 ވަނަ އަހަރާއި މެދުރާސްތާގެ ފިސްކަލް ސިޔާސަތުތަކާ ގުޅޭގޮތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އިޤްތިޞާދީ ދުވެލި 3.4 އިންސައްތައިގައި ހުންނާނެކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލަފާކުވެ އެވެ. އަދި 2025 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި 6.3 އިންސައްތައިގައި ހުރި ނަމަވެސް، މިއަހަރު ކުރިމަތިވި އިގުތިސާދީ ގޮންޖެހުންތަކާ ގުޅިގެން 2026 ވަނަ އަހަރުގެ ދުވެލި ހުންނާނެ ކަމަށް ލަފާކުރެވެނީ 0.6 އާއި 1.8 އިންސައްތައާ ދެމެދުގައެވެ.

އެހެންނަމަވެސް، ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ، 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.0 އިންސައްތައިގައި ހިފެހެއްޓޭނެކަމަށްވެސް ބެލެވެއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، 2026 ވަނަ އަހަރު ނިމޭއިރު ރާއްޖެއަށް 2.17 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 13.9 މިލިއަނުގައި ހުންނާނެކަމަށް ބެލެވެއެވެ. ފަތުރުވެރިކަމަށް މުހިންމު އަހަރެއްގެ ގޮތުގައި ފާހަގަކުރެވޭ 2027 ވަނަ އަހަރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2.28 އާއި 2.56 މިލިއަނާ ދެމެދުގެ މިންވަރަކަށް އިތުރުވެ، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ ޢަދަދު 14.5 މިލިއަނަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ.

މި ކުރިއެރުންތަކާއެކު ދައުލަތުގެ ރަސްމީ ރިޒާވްވެސް ރަނގަޅުވެގެންދާނެއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް ރިޒާވްގައި 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެކަމަށް ލަފާކުރެވޭއިރު، 2027 ވަނަ އަހަރު މި ޢަދަދު 907.2 މިލިއަން އެމެރިކާ ޑޮލަރަށް އުފުލިގެންދާނެކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް