ރަސްމާލެ ބިޔަ މަޝްރޫއާމެދު ދިވެހި ވިޔަފާރިވެރިން އުންމީދުގަ
ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ބޮޑު މި މަޝްރޫއުގެ އަޑު އިވުމެކު ކުރިން ވެސް ބައެއް ވިޔަފާރިވެރިން ވަނީ މި މަޝްރޫއާމެދު އުންމީދީ ވާހަކަތަކެއް ދައްކާފަ އެވެ.
ކުރިން ދިވެހިން ދަތުރުގޮސް އުޅޭ ނަމަވެސް މިހާރު ޓޫރިޒަމް ރިސޯޓެއް ކަމަށްވާ "ޑުސިޓް ޑީޓޫ ފޭދުއްފިނޮޅު" އަށް މިއަދު ދިވެހި ވިޔަފާރިވެރިން ދިޔައީ އަންނަން އޮތް ފުރުސަތެއްގެ މައުލޫމާތު ހޯދާށެވެ. ރާއްޖޭގެ ތާރީހުގައި މޫދުން ހިކިގެން އަރާ އެންމެ ބޮޑު ރަށް ކަމަށްވާ ރަސްމާލޭގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ވިޔަފާރިވެރިޔާ ކަމަށްވާ އީގަލް ހިލްސްގެ ޗެއާމަން، މުޙައްމަދު އަލައްބާރުގެ ކުންފުނިން ހިންގާ ބިޔަ އިންވެސްޓްމަންޓުގެ ތަފުސީލް ހޯދާށެވެ.
ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ބޮޑު މި މަޝްރޫއުގެ އަޑު އިވުމެކު ކުރިން ވެސް ބައެއް ވިޔަފާރިވެރިން ވަނީ މި މަޝްރޫއާމެދު އުންމީދީ ވާހަކަތަކެއް ދައްކާފަ އެވެ. މީގެތެރޭގައި ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓްކޮށްފައިވާ ބައެއް ދިވެހި ވިޔަފާރިވެރިން ހިމެނެ އެވެ. މިގޮތުން އެއް ބޭފުޅަކީ މަޝްހޫރު ތްރީއޭ ކުންފުނީގެ އެއް ޑިރެކްޓަރު އަދި މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ހަމްޒާ ހިމެނެއެވެ. އެމަނިކުފާނު ޓޫރިޒަމް ވިޔަފާރިވެރިން ތިބި ގްރޫޕެއްގައި ވިދާޅުވެފައިވާ ގޮތުގައި މިއީ ދިވެހިންނަށް ލިބިގެންދާނެ ފުރުސަތެވެ. މީގެ އިތުރުން އީގަލް ހިލްގެ ވީޑީއޯއެއް ޝެއާ ކުރައްވައި އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި އުޅުއްވާ ވިޔަފާރިވެރިޔާ ޝާޒް ވަލީދު ވަނީ މިއީ އުފާވެރި އުޖާލާ ޒަމާނެއްގެ ފެށުން ކަމަށް ވިދާޅުވެފަ އެވެ.

ޑުސިޓް ޑީޓޫ ފޭދުއްފިނޮގައި މިއަދު އޮތް އިވެންޓަށްފަހު އަލައްބާރާއެކު ނަގާފައިވާ ފޮޓޯއަކާއެކު އެންސިސް ކުންފުނީގެ އެއް ޑިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވެފައިވާ ގޮތުގައި އީގަލް ހިލްސް އަދި އެމާރުގެ ފައުންޑަރު އަދި ޗެއާމަން މުޙައްމަދު ޢަލީ އަލަބާރް އާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އޭނާގެ ކުރު ތަޤުރީރުގައި، އިންވެސްޓްކުރުމުގެ ދާއިރާގައި ކުރެއްވި ދަތުރާއި، ކޮންމެ ޕްރޮޖެކްޓަކުންވެސް ފިލާވަޅު ލިބިގަނެ، ދެން އަންނަ ޕްރޮޖެކްޓެއް އިތުރަށް ފުރިހަމަކުރާނެ ގޮތުގެ ވާހަކަ ދެއްކެވިއެވެ. އަދި ޔޫރަޕާއި އެމެރިކާ މީހުންނަށް ރަނގަޅު ޕްރޮޖެކްޓްތައް ހިންގިދާނެ ކަމަށާއި، ނަމަވެސް ބައެއް ފަހަރު އަޅުގަނޑުމެންނަށް އެއަށްވުރެ މާ ރަނގަޅަށް ވެސް އެކަން ކުރެވޭކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ ރަސްމާލެއަކީ ދިވެހިރާއްޖެ އަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ، އަދި އިންޓަގްރޭޓެޑް ޓޫރިޒަމް ހަބެއްގެ ގޮތުގައި މުޅި ސަރަޙައްދުގައި ވެސް ފާހަގަކޮށްލެވޭނެ ފަދަ ޕްރޮޖެކްޓަކަށް ވެގެން ދިއުމެވެ،" އެލައިޑުގެ ކުރީގެ އެމްޑީ އަހުމަދު އަމީލްއާއެކު ނަގާފައިވާ ފޮޓޯއަކާއެކު ވިދާޅުވެފައިވެ އެވެ.
ޑުސިޓް ޑީޓޫ ފޭދުއްފިނޮގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިހާރު ފެންނަ ދުބާއީގެ ގިނަ އިމާރާތްތަކެއް ބިނާ ކުރެއްވި ކާމިޔާބު ވިޔަފާރިވެރިޔާ އަލައްބާރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ވެސް ކޮންމެ ގާނޫނަކާއި ގަވައިދަތަކަށް އިހްތިރާމްކުރާނެކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި އޭނާ ހުންނެވީ ދިވެހިންނަށް ފުރުސަތު ފަހިކޮށްދޭންކަމުގެ ޔަގީންކަން ދެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް