އީގަލްސް ހިލްސް މަޝްރޫއު

ރަސްމާލެ މަޝްރޫއާ ގުޅޭ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް ޚަލީލް ގޮވާލައްވައިފި

ރާއްޖޭގެ ތަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވި ނަމަވެސް، ސަރުކާރުން ހިންގަން ތައްޔާރުވާ ބިޔަ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ހައްސާސް ކަންބޮޑުވުންތަކަށް ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވާންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

12 October 2026
ކުރީގެ ފޮރިން މިނިސްޓަރު ހަލީލު
ކުރީގެ ފޮރިން މިނިސްޓަރު ހަލީލު

ރާއްޖޭގެ ތަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވި ނަމަވެސް، ސަރުކާރުން ހިންގަން ތައްޔާރުވާ ބިޔަ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ހައްސާސް ކަންބޮޑުވުންތަކަށް ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވާންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްގީގެ ދުވެލީގައި ކުރިއަރައި ދިއުމަކީ ނާދިރު ކަމެއް ކަމަށާއި، ނަމަވެސް އެފަދަ މަޝްރޫއުތައް ކާމިޔާބުވާނީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ރައްޔިތުން އެދޭ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުކުރެވިގެން ކަމަށެވެ.

ޚަލީލް ސަރުކާރަށް ހުށަހެޅުއްވި 7 ސުވާލު:

  1. ހިއްކުމުގެ ޚަރަދު: ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟

  2. ބިމުގެ އަގު: ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟

  3. އަޕްފްރަންޓް ޕޭމަންޓް: މި އިންވެސްޓްމަންޓުން އަޕްފްރަންޓް ޕޭމަންޓްގެ ގޮތުގައި ދައުލަތަށް އެއްވެސް ފައިސާއެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟

  4. ޓެކްސް އާމްދަނީ އާއި ފައިދާ: އިންވެސްޓަރުންނާއި ސަރުކާރުގެ ބައެއް ވެރިންގެ އަންދާޒާ އަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރުމުން، ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ ކޮބައިތޯ؟ އަދި ވިޔަފާރި ޓެކްސް ނުހިމަނައި، ޕްރޮޖެކްޓުން ދައުލަތަށާއި ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟

  5. ބިމުގެ މިލްކުވެރިކަން: ބިމުގެ މިލްކުވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ އަދި ބިމުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން ފެށޭތޯ؟

  6. 5000 ހައުސިން ޔުނިޓް: މަޝްރޫއުގެ ތެރެއިން ބިނާކުރާ 5000 ހައުސިންގ ޔުނިޓަކީ ދައުލަތަށް ލިބޭ ފައިސާއިން ބިނާކުރާ ތަންތަންތޯ ނުވަތަ ނޫންތޯ؟

  7. ރައްޔިތުންގެ ހައްގު: މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެއްވެސް ހައްގެއް ގެއްލިގެންދޭތޯ؟

ޚަލީލް ފާހަގަކުރެއްވި ގޮތުގައި، ގައުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، މިފަދަ ހައްސާސް ސުވާލުތަކަށް އީޖާބީ އަދި ސާފު ޖަވާބުތަކެއް ރައްޔިތުންނަށް ދިނުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް