ރިއަލް އެސްޓޭޓް ގާނޫނާއެކު ހުރިހާ ސަރަހައްދެއްގައި ވެސް ބިޔަ މަޝްރޫއުތައް ހިންގޭނެ: ބަންޑާރަނައިބު
ސަރުކާރުން އަލަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން، ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތައް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމުގެ މަގު ފުޅާދާއިރާއެއްގައި ހުޅުވިގެންދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް އިއްޔެ ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަލަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން، ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތައް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމުގެ މަގު ފުޅާދާއިރާއެއްގައި ހުޅުވިގެންދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް އިއްޔެ ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން "އަހާ" ފޯރަމްގައި "ރަސްމާލެ ވޯޓާފްރަންޓް" މަޝްރޫއުގެ ތަފްސީލުތައް ހިއްސާކުރައްވަމުން އުޝާމް ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު މިހާތަނަށް ސޮއިކޮށްފައިވަނީ އިބްތިދާއީ އެއްބަސްވުމެއް ނުވަތަ "ލެޓާ އޮފް އިންޓެންޓް" (ކޮމާޝަލް ޓާމްސް) އެއްގައި ކަމަށެވެ.
މި މަޝްރޫއުގެ ދެން އޮތް މަރުހަލާއަކީ މާސްޓާ ޑިވެލޮޕްމަންޓް އެގްރީމަންޓުގައި ސޮއިކުރުން ކަމަށްވާއިރު، އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ބައެއް ގާނޫނުތައް ފާސްކޮށް، ގާނޫނީ އޮނިގަނޑަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހެއެވެ.
ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓް ސިނާއަތެއް
ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުތަކުގެ ތެރެއިން އެންމެ މުހިންމު ބަޔަކީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނެވެ. މިއީ ރާއްޖޭގައި މިހާތަނަށް އުފެދިފައިނެތް، ފަތުރުވެރިކަމުގެ ދާއިރާއަށް ނުވާ ރިއަލް އެސްޓޭޓް ސިނާއަތެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ގާނޫނެކެވެ.
"ސަރުކާރުން މަސައްކަތް މި ކުރަނީ، ރާއްޖޭގައި މިހާރު ނެތް ސިނާއަތެއް އުފެއްދުމަށް. މާނައަކީ ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް އަޅުގަނޑުމެން ރާއްޖޭގައި އުފެއްދުމުގެ މަސައްކަތް މި ކުރަނީ،" އުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅވި ގޮތުގައި، މިހާރު އޮތް ގާނޫނީ ފްރޭމްވޯކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ބޭރުން ބޭރުގެ އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓް މާކެޓުގައި ބައިވެރިވެވޭނެ މަގު ތަނަވަސްވެފައެއް ނެތެވެ.
ވަކި މަޝްރޫއަކަށް އަމާޒުކުރެވިފައިވާ ގާނޫނެއް ނޫން
އާ ގާނޫނެއް ހަދަން ސަރުކާރުން އިއުލާނުކުރުމާއެކު، މިއީ ހަމައެކަނި ރަސްމާލެ މަޝްރޫއަށް ހާއްސަކޮށްގެން، ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް އެކުލަވާލާ ގާނޫނެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް އެ ތުހުމަތުތައް ދޮގުކުރައްވަމުން ބަންޑާރަނައިބު ވިދާޅުވީ، މިއީ ވަކި މަޝްރޫއަކަށް އަމާޒުކޮށްގެން ހަދާ ގާނޫނެއް ނޫން ކަމަށާއި، މި ގާނޫނުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ދޭސީ އަދި ބިދޭސީ ކުންފުނިތަކަށްވެސް އާންމުކޮށް ހުޅުވިގެންދާނެ ކަމަށެވެ.
"މި ގާނޫނުގެ ދަށުން ރާއްޖޭގެ އެ ހުރިހާ ސަރަހައްދެއްގައިވެސް މިފަދަ ރިއަލް އެސްޓޭޓް ޕްރޮޖެކްޓް ހިންގުމުގެ ފުރުސަތު އޮންނާނެ. ބޭރު ކުންފުނިތަކަށްވެސް އޮންނާނެ، އަދި ރާއްޖޭގެ ކުންފުނިތަކަށްވެސް އޮންނާނެ،" އުޝާމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް