އިގްތިސާދު

މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކޮށް، އިންވެސްޓަރުންނަށް ފެހި ސިގްނަލް

މިއީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރެވޭ މިންވަރު އިތުރުވުމާއި، ދަރަނި ދެއްކުމުގައި ހޯދި ކާމިޔާބީތަކުގެ ނަތީޖާއެވެ.

08 October 2026
މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކޮށް، އިންވެސްޓަރުންނަށް ފެހި ސިގްނަލް

ދުނިޔޭގެ އެންމެ ބޮޑު ރޭޓިން އެޖެންސީ ކަމަށްވާ މޫޑީސް އިންވެސްޓާސްއިން ރާއްޖޭގެ ރޭޓީން ސީސީސީ 2 އިން ސީސީސީ 1 އަށް މަތިކޮށް، އައުޓްލުކް ސްޓޭބަލްއަށް ބަދަލުކޮށް އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ހިތްހަމަ ޖެހުން ގެނެސް ދީފި އެވެ.

މޫޑީސް އިން ގެނައި މި ބަދަލާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ރޭޓިންގ އަށް މި ބަދަލު އައިސްފައިވަނީ ދަރަނި އަދާކުރުމުގައި ސަރުކާރުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި، މިދިޔަ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވުން ހިމެނެއެވެ. މީގެ އިތުރުން، އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓްކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލަށް (2026 ގެ މެއި އަދި ސެޕްޓެމްބަރު މަހު) ފައިސާ ދައްކައި ޚަލާޞްކުރުމާއި، 2026 އަށް މެޗުއަރ ވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑް 2031 ވަނަ އަހަރަށް ފަސްކުރެވިފައިވުންވެސް މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.

ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުންނާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ބައިލެޓަރަލް ފަރާތްތަކުން ލިބެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަން މޫޑީސްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު، އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިންގ މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހޯދާފައެވެ. ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި، ލުއި ގޮތްތަކެއްގެ މަތިން އިތުރު މާލީ އެހީތެރިކަން ހޯދުމަށް ސަރުކާރުން މިހާރުވެސް ދަނީ ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަސައްކަތްކުރަމުންނެވެ.

Uploaded image

ސަރުކާރު ސިޔާސަތުތަކުގެ ނަތީޖާ - ސަރުކާރުގެ ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީގެ ނިސްބަތުން) ދަރަނި ހުރި މިންވަރު ވަނީ ދަށަށް ދާން ފަށާފައެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ 129.2 އިންސައްތައިގައި ހުރި ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާސިލުވަމުންދާކަމުގެ އަލިގަދަ ހެއްކެކެވެ.

ގޮންޖެހުން ބޮޑު ވަގުތެއް - މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލި، އިޤްތިޞާދަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވުނު ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަމާއި، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ އަސާސީ ކަންކަމަށް ދަތިނުވާނެގޮތަށް ބަޖެޓުގެ ތެރެއިން ކަންކަން ރޭވިފައިވާކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

ރޭޓިންގ މަތިވި މައިގަނޑު ސަބަބުތައް: މިއީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރެވޭ މިންވަރު އިތުރުވުމާއި، ދަރަނި ދެއްކުމުގައި ހޯދި ކާމިޔާބީތަކުގެ ނަތީޖާއެވެ.

ދަރަނި އަދާކުރުމާއި މާލީ ފިޔަވަޅުތައް: މިއަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކަކާއި 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ވަނީ އަދާކޮށްފައެވެ. އަދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައި، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑް ދައްކަންޖެހޭ މުއްދަތު 2031 އަށް ވަނީ ފަސްކޮށްފައެވެ.

ބޭރުގެ އެހީތެރިކަން: ވޯލްޑް ބޭންކް، އޭޑީބީ އަދި އޯޕެކް ފަންޑުން ޖުމްލަ 130 މިލިއަން ޑޮލަރުގެ މާލީ އެހީ ސަރުކާރުން ވަނީ ކަށަވަރުކޮށްފައެވެ.

ކުރިމަގުގެ އަމާޒު: ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިމާވެދާނެ މާލީ ނުރައްކާތައް ކުޑަކޮށް، ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކޮށް، މިހާރު ހޯދިފައިވާ މާލީ ކުރިއެރުން ދެމެހެއްޓުމެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މެދު ރާސްތާގައި މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ހިފަހައްޓައި، ދައުލަތުގެ މާލިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. އަދި ދުނިޔޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނައިރު، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއެކު ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް