އިގްތިސާދު

އޮޑިޓަ ޖެނެރަލް އަންނަ އަަހަރު 394 އޮޑިޓް ؛ ބަޖެޓު 133.5 މިލިއަން ރުފިޔާ

މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމަވާފައިވާ ކަމަށެވެ.

12 October 2026
އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ

އަންނަ އަހަރު 394 އޮޑިޓެއް ކުރުމަށް އަމާޒު ހިފައި، އެ މަސައްކަތްތަކަށް ޚަރަދުކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޮޑިޓް އޮފީހުން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ އޮފީހުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި، ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާއި މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކެއްގެ އިތުރުން މިއަހަރު ނުނިމޭ އޮޑިޓްތަކުގެ މަސައްކަތްވެސް ހިމެނެއެވެ.

އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އޮޑިޓުތައް:

  • ލޯކަލް ކައުންސިލްތަކުގެ 106 އޮޑިޓް

  • ދައުލަތުގެ މުއައްސަސާތަކުގެ 61 ފައިނޭންޝިއަލް އަދި ކޮމްޕްލަޔަންސް އޮޑިޓް

  • ދައުލަތުގެ ކުންފުނިތަކުގެ 40 ފައިނޭންޝަލް އޮޑިޓް

  • ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް

  • ސްޕެޝަލް އޮޑިޓްގެ 8 އޮޑިޓް އަދި ޕާފޯމަންސް އޮޑިޓްގެ 6 އޮޑިޓް

  • އިންފޮމޭޝަން ސިސްޓަމްތަކާއި ތިމާވެއްޓާ ގުޅުންހުރި 13 އޮޑިޓް

  • މިއަހަރު ނުނިމި ހުރި 120 އޮޑިޓް

އޮޑިޓަރ ޖެނެރަލް ވިދާޅުވި މިއަހަރުގެ މިހާތަނަށް އެ އޮފީހުން ވަނީ 183 ރިޕޯޓު ޝާޢިއުކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ 259 އޮޑިޓުގެ ތެރެއިން ބޮޑުބައެއް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށްވެސް ވިދާޅުވިއެވެ.

މިއަހަރަށް މަޖިލީހުން އޮޑިޓް އޮފީހަށް ފާސްކޮށްދިނީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން 56.9 މިލިޔަން ރުފިޔާ މިހާތަނަށް ޚަރަދުވެފައިވާއިރު، އަހަރު ނިމޭއިރު 31 މިލިޔަން ރުފިޔާ ބޭނުން ނުކުރެވި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކަންކަން ރާވާފައިވަނީ ބާކީވާނެކަމަށް ލަފާކުރެވޭ މި ފައިސާވެސް ހިމަނައިގެންނެވެ.

އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅުއްވި 133،590،265 ރުފިޔާގެ ބަޖެޓުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް