ހަބަރު

އީގަލް ހިލްސްގެ 5000 ފްލެޓުގެ ތަސްވީރުތަކެއް ؛ ފެންނަނީ އާ ރަށެއް

މި މަޝްރޫޢުގެ މާސްޓަރޕްލޭން ފަރުމާކޮށްފައިވަނީ ހުޅުމާލެ ފޭސް 3 ވިޝަންގެ ދަށުން، ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ 'ވާއު އާކިޓެކްޓްސް' ނުވަތަ 'ވާނަރ ވޮންގ ޑިޒައިން' އިންނެވެ.

10 October 2026
އީގަލް ހިލްސް އިން ހުޅުމާލެގައި ފްލެޓު އަޅާ ސަރަހައްދު
އީގަލް ހިލްސް އިން ހުޅުމާލެގައި ފްލެޓު އަޅާ ސަރަހައްދު

އަބޫދާބީގެ "އީގަލް ހިލްސް" ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. 500 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 5،000 ހައުސިންގ ޔުނިޓަކީ ހަމައެކަނި ބޯހިޔާވަހިކަމެއް ނޫނެވެ؛ މިއީ މުޅި ސިޓީގެ ދިރިއުޅުން މުޅިން އައު ހަރުފަތަކަށް ގެންގޮސްދޭނެ ޒަމާނީ ފަރުމާއެކެވެ.

މި މަޝްރޫޢުގެ މާސްޓަރޕްލޭން ފަރުމާކޮށްފައިވަނީ ހުޅުމާލެ ފޭސް 3 ވިޝަންގެ ދަށުން، ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ 'ވާއު އާކިޓެކްޓްސް' ނުވަތަ 'ވާނަރ ވޮންގ ޑިޒައިން' އިންނެވެ. މި ފަރުމާގެ އެންމެ ހާއްސަ އެއް ސިފަޔަކީ ރާއްޖޭގެ އަރބަން ދިރިއުޅުމަށް ގެނެސްދޭ ޒަމާނީ ބަދަލުތަކެވެ.

ފަރުމާގައި ހިމެނޭ މުހިންމު ކަންކަން:

  • އުސް އިމާރާތްތަކާއި ވޯޓާފްރަންޓް: ޒަމާނީ އުސް ރެސިޑެންޝަލް ޓަވަރުތަކާއި، ހިތްގައިމު ވޯޓަރފްރަންޓް ޓައުންހޯމްތައް.

  • ފެހިކަމާއި ޖަޒީރާވަންތަކަން: އުސް އިމާރާތްތަކުގެ ޓެރެސްތަކުގައި ގަސްއިންދައި ފެހިކޮށްފައިވުން.

  • އާންމު ޚިދުމަތްތައް: ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި، ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ފިހާރަތަކާއި މޫދަށް އެރޭނެ ހާއްސަ ސަރަހައްދުތައް.

  • ހިތްފަސޭހަ މައިޒާންތައް: އާއިލާއާއެކު ވަގުތު ހޭދަކޮށްލައި، ހިތްފަސޭހަކޮށްލަން މަޑުކޮށްލާނެ ޕާކުތަކާއި މައިޒާންތައް.

  • މިސްކިތް: މޫދު ކައިރީގައި ބިނާކުރެވޭ ފުޅާ، ޖާގަ ތަނަވަސް ބޮޑު މިސްކިތެއް.

މި ފަރުމާތަކާއެކު 2027 ވަނަ އަހަރު އަމަލީ މަސައްކަތް ފެށިގެންދާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ މިއީ ދިވެހިންނަށް ތަނަވަސް ބޯހިޔާވަހިކަމެއްގެ އިތުރުން، ހިތްފަސޭހަ ޒަމާނީ ވެއްޓަކާއި އެތައް ހާސް ވަޒީފާގެ ފުރުޞަތުތަކެއް (މުޅި މަޝްރޫޢުން 54،000 އަށްވުރެ ގިނަ ވަޒީފާ) ފަހިކޮށްދޭނެ ފުރިހަމަ މަޝްރޫޢަކަށް ހެދުމަށެވެ.

ފަރުމާކުރި ސިންގަޕޫރުގެ ވައު އާކިޓެކްޓް - މި ކުންފުނި އެންމެ ފުރަތަމަ 2000 ވަނަ އަހަރު އުފެއްދީ ވޮންގް ޗިއު މަން އަދި މާރިއާ ވޯނަރ ވޮންގް ގުޅިގެން "ވޯނަރ ވޮންގް ޑިޒައިން" ގެ ނަމުގައެވެ. އެއަށްފަހު 2003 ވަނަ އަހަރު "ވާއު އާކިޓެކްޓްސް" ގެ ނަމުގައި ކުންފުނި އިތުރަށް ފުޅާކުރެވުނެވެ.މައިގަނޑު ގޮތެއްގައި މި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޢިމާރާތްތައް ފަރުމާކުރުން (އާކިޓެކްޗަރ)، އިންޓީރިއަރ ޑިޒައިން، ލޭންޑްސްކޭޕް ޑިޒައިން އަދި މާސްޓަރ ޕްލޭނިންގ ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް