ޙައްޖު ކިއުގައި 3 އަހަރުވެފައިވާ ދުވަސްވީ އެންމެންނަށް ހައްޖު ފުރުސަތު ދީފި
މި އުސޫލުގެ ދަށުން 70 އަހަރުން މަތީގެ ޖުމްލަ 324 މީހަކަށް 1448 ވަނަ އަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭނެއެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނެއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުގައި އިންތިޒާރުކުރާތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ތެރެއިން ދޮށީ ޢުމުރުގެ މީހުންނަށް ވީހާވެސް އަވަހަށް ފުރުޞަތު ފަހިކޮށްދީ، ހަމަހަމަ އުސޫލަކުން ތަންފީޒުކުރެވޭނެ ނިންމުމެއް ކަމަށެވެ.
އުސޫލު ކަނޑައަޅާފައިވާ މައިގަނޑު ގޮތްތައް:
ކިއުގައި 3 އަހަރުވިކަމަށް ބަލާ މުއްދަތު: 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވުން.
ޢުމުރު ކަނޑައަޅާ މިންގަނޑު: 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރުން.
ޝަރުތު: މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖަށް ދާ މީހުންނަށް ވުން.
މި އުސޫލުގެ ދަށުން 70 އަހަރުން މަތީގެ ޖުމްލަ 324 މީހަކަށް 1448 ވަނަ އަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭނެއެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނެއެވެ.
ޙައްޖު ކޯޕަރޭޝަނުން ކަށަވަރުކޮށްދޭ ގޮތުގައި، މި ބަދަލާއެކުވެސް 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް އެއްވެސް ލަސްވުމެއް ކުރިމައްޗެއް ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމުގެ ފުރުޞަތު ނުގެއްލޭނެހެން އިސްކަންދެވޭނެއެވެ.
މި ބަދަލުގެ ސަބަބުން ކިއުގައި ތިބި 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައި ނަމަވެސް، މިއީ ދިގު މުއްދަތަކަށް އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ މީހުންނަށް އޮތް ކަންބޮޑުވުންތަކަށް ހައްލެއް ގެނެސް، ކޯޓާގެ ބޭނުން އެންމެ އިންސާފުވެރިކޮށް ހިފުމަށް އެޅުނު ފިޔަވަޅެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް