ސިޔާސީ

ސިޔާސީ ފައިދާއަށް ދީނީ ހިލާފު އުފެއްދުން ހުއްޓާލަން ޔާމީނަށް އިހުސާން ގޮވާލައްވައިފި

ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ދީނީ ހިލާފުތައް އުފައްދައި، އާންމުންނަށް އޮޅުވާލުން ހުއްޓާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގޮވާލައްވައިފިއެވެ.

12 October 2026
ހޯމް މިނިސްޓަރު އިހުސާން
ހޯމް މިނިސްޓަރު އިހުސާން

ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ދީނީ ހިލާފުތައް އުފައްދައި، އާންމުންނަށް އޮޅުވާލުން ހުއްޓާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގޮވާލައްވައިފިއެވެ.

ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި "ޔަހޫދީ އާބާދީއެއް ގާއިމްކުރަން" ކުރާ ކަމެއް ކަމަށް ތުހުމަތުކުރައްވައި، އެ މަޝްރޫއު ދޫކޮށްލުމަށް ރައީސް ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓާ ގުޅިގެން މިނިސްޓަރު އިހުސާން ވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އިހުސާންގެ ރައްދު:

  • ދީނީ ޝުއޫރުތަކުގެ ނާޖައިޒު ފައިދާ: ރަސްމާލެ މަޝްރޫއާ ގުޅުވައި ޔާމީން ދެއްކެވި ވާހަކަފުޅަކީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ދީނީ ޝުއޫރުތަކުގެ ނާޖައިޒު ފައިދާ ނަގަން ކުރި ލަދުވެތި މަސައްކަތެއް ކަމަށް

  • ފަލަސްތީނުގެ ތާއީދު: ފަލަސްތީނަށް ދިވެހިން ކުރާ ދެގޮތެއް ނުވާ ތާއީދަކީ ބިރުވެރިކަމާއި ނަފްރަތު ފެތުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއް ނޫން ކަމަށް

  • އަމިއްލަ ސިޔާސީ ހަސަދަ: ޔާމީންގެ ރިޔާސަތުގައި މި އިންވެސްޓްމަންޓް ހަގީގަތަކަށް ނުވުމަކީ، މިއަދު މި މަޝްރޫއު ގޯސްކުރުމުގެ ހައްގު ލިބޭ ކަމެއް ނޫން ކަމަށާއި، ގައުމީ ތަރައްގީއަކީ އަމިއްލަ ސިޔާސީ ހަސަދައެއްގެ ތެރެއިން ގެއްލުވާލެވޭނެ އެއްޗެއް ނޫން ކަމަށް

  • ޒިންމާދާރު ލީޑަރޝިޕް: ސިޔާސަތުތަކަށް ފާޑުވިދާޅުވި ނަމަވެސް ބައިބައިވުން އުފެއްދުން ހުއްޓާލަންޖެހޭ ކަމަށާއި، ރާއްޖެއަށް ހައްގުވަނީ ޒިންމާދާރު ލީޑަރޝިޕެއް ކަމަށް

މަޖިލީހުގެ ރައީސްގެ ރައްދު

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ރައީސް ޔާމީނަށް ރައްދު ދެއްވާފައެވެ. ދިވެހިންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން ކަމަށާއި، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ގާނޫނުއަސާސީއާ އެއްގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ގޮސް، އޭގެ ފުރިހަމަ ފައިދާ ދިވެހިންނަށް ލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް