މަސްތުވާތަކެތި

ވަރުގަދަ ނިންމުމެއް | އަބުޗާ ހައްޔަރުކޮށް ޕެރޯލް ބޯޑު މެންބަރުން ވަކިކޮށްފި

ޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން ޕެރޯލް ބޯޑުގެ މެންބަރުން ގަސްތުގައި ގޯހެއް ހަދާފައިވާ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް މިއީ ޤައުމީ ބޮޑު މައްސަލައަކަށް ވާއިރު، ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބަލާފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭނާ ދޫކޮށްލެވުނީ އޭނާގެ ހުކުމާ ގުޅިގެން އެރި އޮޅުމެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

06 October 2026
ވަރުގަދަ ނިންމުމެއް | އަބުޗާ ހައްޔަރުކޮށް ޕެރޯލް ބޯޑު މެންބަރުން ވަކިކޮށްފި

98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހަށް ޖަލަށްލާފައިވާ ޢަބްދުﷲ އިބްރާހިމް (އަބުޗާ) ގާނޫނާ ހިލާފަށް ޕެރޯލްގައި ދޫކޮށްލީ ބަލަންޖެހޭ ވަރަށް ނުބަލައިކަމަށް ކަނޑައަޅައި، އޭނާ އަލުން ހައްޔަރުކުރުމަށްފަހު ޕެރޯލް ބޯޑުގެ ހަ މެންބަރަކު ސަރުކާރުން މަގާމުން ވަކިކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ ޤާނޫނީގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ނުބަލައި ކަމަށާއި، އެއީ ސަރުކާރުގެ ސިޔާސަތުތަކާވެސް ޚިލާފު ނިންމުމެއް ކަމަށެވެ. ޤާނޫނީ ލަފާ ހޯއްދެވުމަށްފަހު އެ ނިންމުން ބަދަލުކޮށް އަންގާރަ ދުވަހު އޭނާ އަނބުރާ ޖަލަށް ގެންގޮސްފައިވާއިރު، އެކަން ނިންމި ޕެރޯލް ބޯޑުގެ 6 މެންބަރުން މިހާރު ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި ވަރަށް އަވަހަށް ބޯޑަށް އައު މެންބަރުން އައްޔަންކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން ޕެރޯލް ބޯޑުގެ މެންބަރުން ގަސްތުގައި ގޯހެއް ހަދާފައިވާ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް މިއީ ޤައުމީ ބޮޑު މައްސަލައަކަށް ވާއިރު، ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބަލާފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭނާ ދޫކޮށްލެވުނީ އޭނާގެ ހުކުމާ ގުޅިގެން އެރި އޮޅުމެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ޢަބްދުﷲ އިބްރާހިމްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް (12 އަހަރާއި 6 މަސް ދުވަހުގެ 3 ހުކުމް) އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. މި ހުކުމް އޭނާގެ މައްޗަށް އައީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ޕެރޯލްގައި ދޫކޮށްލީ މިދިޔަ މަހުގެ 29 ގައެވެ. މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަސްތުވާތަކެއްޗާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ވަރަށް ސާފުކަން ފާހަގަކުރައްވައި ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާހުކޮށް، އެފަދަ ކުށްތައް ކުރިން ކޮށްފައިވާ މީހުންނަށް އަދަބު ލުއިނުކުރެވޭގޮތަށް މިހާރު ހަދާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް