ހަބަރު

އަބުޗާއަށް ގާނޫނާ ހިލާފަށް ޕެރޯލް ދިން މައްސަލަ: ޕެރޯލް ބޯޑު ވަކިކޮށްފި

އައްޑޫ ސިޓީއަށް އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ނެޓްވޯކުގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަބްދުﷲ އިބްރާހީމް )އަބުޗާ( އަށް ގާނޫނާ ހިލާފަށް ޕެރޯލް ދިން މައްސަލައިގައި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މަގާމުން ވަކިކޮށްފިއެވެ.

06 October 2026
ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން

އައްޑޫ ސިޓީއަށް އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ނެޓްވޯކުގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލް ދިން މައްސަލައިގައި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، އެކި މުއައްސަސާތައް ތަމްސީލުކުރައްވާ ނުވަ މެންބަރުން ހިމެނޭ ޕެރޯލް ބޯޑުގެ ހުރިހާ ބޭފުޅުންވެސް މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އަބުޗާއަށް ދޫކުރި ޕެރޯލް ބާތިލުކުރުމަށްފަހު، އޭނާ މިހާރު ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފައެވެ.


މިނިސްޓަރު އިހުސާން ތަފްސީލުކޮށްދެއްވި ގޮތުގައި، އަބުޗާގެ މައްޗަށް 12 އަހަރާއި 6 މަހުގެ ތިން ހުކުމެއް އިއްވާފައިވާއިރު، ގާނޫނީ ގޮތުން އޭނާއަށް ޕެރޯލަށް އެދެވޭނީ 6 އަހަރާއި 3 މަސް ހަމަވުމުންނެވެ. ނަމަވެސް ޕެރޯލް ބޯޑުން މުއްދަތު ގުނުމުގައި އަމަލުކުރީ ގާނޫނާ ހިލާފަށެވެ.

އަބުޗާގެ މައްޗަށް ހުކުމް އިއްވި އިރު، ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހުރި 4 ވަރަކަށް އަހަރު ވަނީ ހުކުމުގެ މުއްދަތުން އުނިކޮށްދީފައެވެ. ޕެރޯލް ބޯޑުން އޭނާ ދޫކޮށްލަން މުއްދަތު ގުނިއިރު ބަލާފައިވަނީ، އެ މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހޭ ބާކީ 8 އަހަރުގެ މުއްދަތަށެވެ. މުޅި މައްސަލައިގައި އޭނާ ޖަލުގައި ހޭދަކުރީ 5 އަހަރާއި 11 މަހެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް ޕެރޯލް ދިނުމަކީ ސަރުކާރުގެ ސިޔާސަތާ މުޅިން ހިލާފު ކަމެކެވެ. ނަމަވެސް، މިއީ ޕެރޯލް ބޯޑުން ގަސްދުގައި ނުބައި ނިޔަތެއްގައި ކުރި ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ބޯޑުގެ މެންބަރުން ވަކިކުރީ ކުށްވެރިވެގެން ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މި އަވަސް ފިޔަވަޅުތައް އަޅާފައިމިވަނީ، މި މަހުގެ 1 ވަނަ ދުވަހު އަބުޗާ ދޫކޮށްލި މައްސަލަ މީޑިއާތަކުން ތިލަކުރުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް