އީގަލް ހިލްސްގެ މަޝްރޫއާއެކު 2040 އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދޭނެ: ސައީދު
ރާއްޖޭގެ ފަތުރުވެރިކަމަށް ވޭތުވެދިޔަ 54 އަހަރު ތެރޭގައި އުފެއްދި އެސެޓްތަކުގެ އަގާއި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއުގެ އަގު އެއްވަރުވާނެ ކަމަށާއި، މި މަޝްރޫއާއެކު 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރަންޖެހެނީ ރާއްޖޭގެ ގުދުރަތީ ސިފަތަކާ ގުޅޭގޮތަށް ކަމަށެވެ. އަދި އީގަލް ހިލްސްގެ މަޝްރޫއުވެސް ކުރިއަށްދާނީ އެ އުސޫލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި މުހިންމު ނުކުތާތައް:
ފަތުރުވެރިން އިތުރުވުން: މި މަޝްރޫއުގެ ސަބަބުން އެކަނިވެސް އަހަރަކު އިތުރު 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެއެވެ.
އިގްތިސާދީ ބަދަލު: މިހާރު ހުރި 170 ރިސޯޓުން ސީދާ ގޮތުން އިގްތިސާދަށް ވަންނަނީ 1.7 ބިލިއަން ޑޮލަރެވެ. ނަމަވެސް އާދައިގެ މިންވަރަކުން ޓޫރިޒަމް ކުރިއަރުވައިގެން 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ނުވެވޭނެތީ، ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވެއެވެ.
ދިގު މުއްދަތުގެ ކުލި: 99 އަހަރަށް ތަންތަން ކުއްޔަށް ދިނުމަކީ 2013-2018 އާ ދެމެދުވެސް 54 ރިސޯޓަކަށް ކޮށްފައިވާ، އަލަށް ކުރާ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކޮށްގެން "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އެއްބަސްވުމުގައި މިދިޔަ މަހު ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫއާ މެދު ސިޔާސީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ސިޔާސީ ގޮތުން އުފައްދާ ބިރުވެރިކަމެއް ކަމަށާއި، މި މަޝްރޫއު ކާމިޔާބުވެއްޖެނަމަ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ މުސްތަގުބަލަށް ހިޔަނި އެޅޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް