ހަބަރު

އައްޑޫގެ ބޮޑު ޑްރަގް ޑީލަރު އަބުޗާ ދޫކޮށްލި ނިންމުން ބާތިލްކޮށް، އަލުން ޖަލަށް ގެންގޮސްފި

އައްޑޫ ސިޓީއަށް އެންމެ އިންތިޒާމުވެގެން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ނެޓްވޯކުގެ އިސް މޭސްތިރިޔާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަބްދުالله އިބްރާހީމް ރަޝީދު )އަބުޗާ( ޕެރޯލްގެ ދަށުން މިނިވަންކުރި ނިންމުން ބާތިލްކޮށް، އޭނާ އަނބުރާ މިއަދު ޖަލަށް ގެންގޮސްފިއެވެ.

06 October 2026
އައްޑޫގެ ބޮޑު ޑްރަގް ޑީލަރު އަބުޗާ ދޫކޮށްލި ނިންމުން ބާތިލްކޮށް، އަލުން ޖަލަށް ގެންގޮސްފި

އައްޑޫ ސިޓީއަށް އެންމެ އިންތިޒާމުވެގެން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ނެޓްވޯކުގެ އިސް މޭސްތިރިޔާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަބްދުالله އިބްރާހީމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކުރި ނިންމުން ބާތިލްކޮށް، އޭނާ އަނބުރާ މިއަދު ޖަލަށް ގެންގޮސްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން މައުލޫމާތު ދެއްވި ގޮތުގައި، އަބުޗާގެ މައްޗަށް 12 އަހަރާއި 6 މަހުގެ ތިން ހުކުމެއް އިއްވާފައިވާއިރު، ގާނޫނީ ގޮތުން އޭނާއަށް ޕެރޯލަށް އެދެވެނީ ހުކުމުގެ 6 އަހަރާއި 3 މަސް ހަމަވުމުންނެވެ. ނަމަވެސް، އެ މުއްދަތު ގުނުމުގައި ޕެރޯލް ބޯޑުން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުއްދަތު ގުނުމުގައި ހެދި ގޯސް

އަބުޗާގެ މައްޗަށް ހުކުމް އިއްވިއިރު، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހުރި 4 ވަރަކަށް އަހަރު ވަނީ ހުކުމުގެ މުއްދަތުން އުނިކޮށްދީފައެވެ. ޕެރޯލް ބޯޑުން އޭނާ ދޫކޮށްލަން މުއްދަތު ގުނިއިރު ބަލާފައިވަނީ، އެ މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހޭ ބާކީ 8 އަހަރުގެ މުއްދަތަށެވެ. އެއާއެކު، މުޅި މައްސަލައިގައި އޭނާ ޖަލުގައި ހޭދަކޮށްފައިވަނީ 5 އަހަރާއި 11 މަހެވެ.

މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް ޕެރޯލް ދިނުމަކީ ސަރުކާރުގެ ސިޔާސަތާވެސް މުޅިން ހިލާފު ކަމެކެވެ. އެހެންކަމުން، ޕެރޯލް ބޯޑުގެ ނިންމުން އަލުން މުރާޖައާ ކުރަން ސަރުކާރުން އެންގުމުން، އެ ބޯޑުން ވަނީ އަބުޗާ ދޫކޮށްލި ނިންމުން މިއަދު ހަވީރު ބާތިލްކޮށްފައެވެ.

ބޯޑުގެ މެންބަރުން ވަކިކުރުން

އަބުޗާ ދޫކޮށްލަން ނިންމި ނިންމުމާ އެކު ޕެރޯލް ބޯޑުގެ ނުވަ މެންބަރުން މަގާމުން ވަކިކުރަން ސަރުކާރުން މިއަދު ވަނީ ނިންމައިފަ އެވެ. ނަމަވެސް، އަބުޗާ ދޫކޮށްލަން ނިންމުމަކީ ޕެރޯލް ބޯޑުގެ މެންބަރުން ގަސްދުގައި ގޯސް ނިޔަތެއްގައި ކުރި ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެ ބޭފުޅުން މަގާމުން ވަކިކުރީ ކުށްވެރިވެގެން ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މި ފިޔަވަޅުތައް އަޅާފައިމިވަނީ، މި މަހުގެ 1 ވަނަ ދުވަހު އަބުޗާ ދޫކޮށްލި މައްސަލަ މީޑިއާއިން ރިޕޯޓްކުރުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

އަބުޗާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އައްޑޫ ކަނޑުމަތީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ފެނުމާއެކު އޭނާ ދިޔަ ޑިންގީގައި ހުރި މަސްތުވާތަކެތި ކަނޑަށް އުކާލި ނަމަވެސް، ފުލުހުން ވަނީ ކަނޑަށް ފުންމާލައިގެން 61 ކިލޯގެ ޑައިމޯފިން އާއި 17.97 ކިލޯގެ މެޓަމްފެޓަމިން ހޯދާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް