ރަސްމާލެ

ހާމަކުރަން ގޮވަނީ ނެތް އެއްޗެއް ؛ ގޮވަނީ ކޮސް

ބޮޑެތި އިންވެސްޓްމަންޓްތައް އަންނަން ވާހަކަ ދައްކާ ހިސާބުން އެއްބަސްވުމެއް ނަހަދަ އެވެ. ފުރަަތަމަ ސޮއިކުރާނީ ފަހުމުނާމާއެއްގަ އެވެ. އެހެންވީއިރު މި ހާމަކުރަން މިވަގުތު ގޮވަނީ ކޮން އެއްޗެއް ހެއްޔެވެ؟ އެއްޗެއް ހާމަ ކުރެވޭނީ އެއްބަސްވުމެއް ހަދައިގެންނެވެ. މި ފެންނަނީ މަޝްރޫއުގެ ކުރިން ތާކުންތާކު ނުޖެހޭ ހޮޅި ވާހަކަ ދައްކާ ތަނެވެ. މީގެން ގެއްލުން ލިބޭނީ ދިވެހިންނަށެވެ. އެއީ މަޝްރޫއު ނުގެއްލުނަސް ނެގޯސިއޭޝަންގައި ދިވެހި ދައުލަތަށް އޮތް ބާރު ކުޑަވުމެވެ.

16 October 2026
އީގަލް ހިލް އިން ރަސްމާލޭގައި ތަރައްގީ ކުރާ މަޝްރޫއު ނިމުމުން ހުންނާނެ ގޮތުގެ ތަސްވީރެއް
އީގަލް ހިލް އިން ރަސްމާލޭގައި ތަރައްގީ ކުރާ މަޝްރޫއު ނިމުމުން ހުންނާނެ ގޮތުގެ ތަސްވީރެއް

ދުނިޔޭގެ އެއްވެސް މަޝްރޫއަކަށް އަންނަ ފޮރިން އިންވެސްޓަރެއް ފުރަތަމަ އަންނަ ގޮތަށް މައި އެއްބަސްވުމެއްގައި ސޮއެއް ނުކުރާނެ އެވެ. ގިނަ ބަޔަކަށް ނޭނގޭ ނަމަވެސް އެނގެން ޖެހޭ ކަމަކީ ފުރަތަމަ ސޮއި ކުރާނީ މައިގަނޑު އެއްބަސްވުމަށް ދިއުމުގެ ކުރިން އެކުލަވާލާ ފަހުމުނާމާ އެވެ. މިއީ މަޝްރޫއުގެ މައި އެއްބަސްވުމަށް ދާން ކޮށާ ފުރަތަމަ މަގެވެ. ނަމަވެސް މި މަގުން ދަތުރު ކުރަމުން ދަނިކޮށް މަޝްރޫއާ ބެހޭ ގޮތުން ދައްކާ ތާތުންތާކު ނުޖެހޭ ދޮގު ވާހަތަކާއި "ސްޕެކިއުލޭޝަން" ތައް ނުވަތަ ތިލަކޮށް ބުނާނަމަ "ހޮޅި ވާހަކަ" ތަކަކީ މަޝްރޫއުގެ މައި އެއްބަސްވުމަށްދާއިރު އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ.

"ބޮޑެތި މަޝްރޫއުތަކުގެ ނެގޯސިއޭޝަން ސްޓޭޖުގަ ސްޕެއިކުލޭޝަން އުފެއްދުމަކީ ގޯހެއް. ކަނޑައެޅިގެން ބޮޑެތި ދޮގު ފެތުރުމުން ގެއްލުންވާނެ. މިހެން ހެދުމުން ހަގީގަތުގަ ގެއްލުންވާނީ ދިވެހިންނަށް. މިހެން ހެދީމަ މަޝްރޫއު ނުގެއްލުނަސް ދިވެހި ދައުލަތަށް ނެގޯސިއޭޓް ކުރުމުގައި އޮތް ބާރު ހަނިވާނެ،" ކުރިން ރާއްޖެ އައި މަޝްރޫއުތަކުގައި ފަންނީ ލެވަލްއެއްގައި އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

ރަސްމާލެ 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް މަޝްރޫއުގެ މައި އެއްބަސްވުމަށްދާއިރު، ބައެއް ފަރާތްތަކުން އެއްބަސްވުމުގެ މިވެނިކަމެއް ހާމަކުރަން ގޮވަ އެވެ. ނަމަވެސް ސުވާލަކީ އެއްބަސްވުމެއް ނެތްނަމަ ހާމަމަކުރާނީ ކޮން އެއްޗެއް ހެއްޔެވެ ؟ މީގެ ބަދަލުގައި މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކުގެ ސަބަބުން ދިވެހި ދައުލަތަށް މަޝްރޫއު ދިވެހިންނަށް ފަހިގޮތަށް ގެންދަން އޮތް ބާރު ކުޑަވުން ނޫން ކަމެއްވާނެ ހެއްޔެވެ؟

ރާއްޖެ އަށް އަންނަ މިހާރު ތައްޔާރު ވަމުންދާ ރަސްމާލެ ވޯޑާ ފްރަންޓުގެ ބޮޑު މަޝްރޫއާއެކު މުޅިންވެސް ފެންނަނީ މި މަގަށް ގެންދާ ތަނެވެ. މި މަޝްރޫއު އިއުލާނުކުރުމާއެކު މިއަދާހަމައަށް ވެސް އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން ވެސް ދައްކަމުން އެ ދަނީ އެ ފަދަ ވާހަކަތަކެވެ.

Uploaded image

ފުރަތަމަ ފާޑުކިޔަން ފެށީ "އީގަލްހިލްސް" އަދި ދިވެހި ސަރުކާރުން އިއުލާނުކުރި ޖޮއިންޓް ޕްރެސްގައި ހުރި އަދަދު ތަކަށެވެ. އެ ވާހަކަ ވިކޭގޮތް ނުވުމުން ދެން ފާޑު ކިޔަން ފެށީ މި މަޝްރޫއުގައި ހިމެނޭ 99 އަހަރުގެ ދިގު މުއްދަތަށެވެ. ނަމަވެސް ރަސްމާލެ ވަށައިގެންވާ ހުރިހާ ގިނަ ފަޅު ތަކެއް ވެސް އެ އަދަދަށް ދީފައިވާއިރު މި ވާހަކަ ވިކޭގޮތް ނުވުމުން ދެންފެށީ އިސްރާއިލް އާ މި މަޝްރޫއު ހިންގާ މައި ކުންފުންޏާ ގުޅުވާށެވެ. ނަމަވެސް އެކަން ވެސް ވާގޮތެއް ނުވި އެވެ. އެކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ސާފުކޮށްދެއްވާފަ އެވެ.

މިނިސްޓަރު ވިދާޅުވުގެ މައިގަނޑު ސެހެރީއަކީ އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އިޒްރޭލްގެ ކޮންޓްރޯލް އޮންނަ ކުންފުންޏަކަށް ވެސް ރަސްމާލެ އަށް އިންވެސްޓެއް ނުކުރެވެނެ އެވެ. ސާފު ވެއްޖެ އެވެ.

ރާއްޖެ އަށް އިންވެސްޓްމަންޓް ގެނައުމުގެ ގާނޫނީ ކަންކަމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ބޭފުޅަކު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ކުރިން މަޝްރޫއު ގެންނަ އިންވެސްޓަރާ ޕާސަނަނީ އެއްޗިހި ގޮވުމަކީ ދެރަކަމެކެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ މިއީ ޔޫއޭއީގެ އިންވެސްޓްމަންޓެއް ކަމެވެ. މިކަން ކުރާ ކުންފުންޏަށް މިއަށްވުރެ ރަނގަޅު ގޮތްތައް ހަަދައިދޭން ކައިރި ގައުމުތަކުން ވެސް ތިބިކަން ވަނީ އެ ގައުމުގެ މީޑިއާތަކުގެ ރޫހު ހުރި ގޮތުން އެނގި ހާމަވެފަ އެވެ. ނަމަވެސް އީގަލް ހިލްސް ރާއްޖެ އައިސްފައި އެވަނީ ސީދާ ޔޫއޭއީ ސަރުކާރުގެ "ބްލެސިން" ލިބިގެންނެވެ،

ޔޫއޭއީއަކީ އަބަދު ވެސް ދިވެހިންނަށް އެހީތެރިވާ ގައުމެވެ. މިވަގުތުވެސް އެ ގައުމުގެ އިންވެސްޓަރުން ހިމެނޭ 3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މުޅިރާއްޖޭގައި ހިންގަމުންދެ އެވެ. އަދި މިއީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނައިން އެހީތެރިކަން ދޭ އަބޫދާބީ ފަންޑު ނިސްބަތްވާ ގައުމުގެ މަޝްރޫއެކެވެ. މި އިންވެސްޓްމަންޓް ގެންނަ އިސްވެސްޓަރަކީ އަބޫދާބީ ސަރުކާރުގެ "އެއް" މޫނެވެ. އަދި މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށެއް ދޭ ގޮތަށް ހިލޭ މާފަރުގައި އެއާޕޯޓެއް ތަރައްގީކޮށްދިން ގައުމުގެ އިންވެސްޓްމަންޓެވެ. އޭރު ރައީސް ޔާމީނަށް ވެސް ޔޫއޭއީ ރަނގަޅެވެ. ނަމަވެސް މިހާރު ޖިއޯޕޮލިޓިކްސްގެ އޮއެވަރެއްގައި ޖެހި ރައީސް ޔާމީން އެ ހުންނެވީ އެހެން "ކޮޅެއް" ނަގައިގެންނެވެ. މިހާރު ވެގެން އުޅޭ ގޮތަކީ ވިދާޅުނުވިޔަސް ހަގީގަތަކީ މި އެވެ. ފާފު މަޝްރޫއު އަތުން ނައްޓާލުމުންވީ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ހުދު ރައީސް ޔާމީން އަށެވެ. ދެން އެ ވާހަކަ ބާއްވާށެވެ.

ދެން އޮތީ މި މަޝްރޫއު ހިންގާ އީގަލްހިލް އަދި ޔޫއޭއީގެ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުނި އަދި ބުރުޖު ޚަލީފާ ބިނާކުރުމުގައި އިސްކޮށް އުޅުއްވި އަލްއައްބާރު ބައްދަލުވުންތަކުގެ ފޮޓޯތަކާމެދު ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތަކެވެ. މި ފަދަ ހައިޕޮރޮފައިލް ބިޒްނަސްމަނުން ބަޔަކާ ބައްދަލު ކުރާ ވީޑިއޯއާ ފޮޓޯ ހޯދާނަމަ ރާއްޖޭގައި ހުރި 167 ރިސޯޓް ހިންގާ ދުނިޔޭގެ 40 ބްރޭންޑުގެ ވެރިންގެ ބައްދަލުވުންތަކުގެ ފޮޓޯއިން މިފަދަ ކިތަންމެ މަންޒަރެއް ފެންނާނެ އެވެ. އަދި ދިވެހިން އެންމެ ނަފުރަތު ކުރާ އިސްރާއިލާ އަޅުވާ "އިމޯޝަނަލް ކާޑު" ޖަހައިގެން "ސިޔާސީ" މަންފާ ހޯދަން އުޅުމުގެ ބޭނުމެއް ނެތެވެ. މިކަމަށް ކުރާނަމަ އިސްރާއިލުން އީރާނާއި ޔަމަނަށް ހަމަލާ ދޭން ބޭނުން ކުރާ ޑްރޯންތައް އުފައްދާ ދެވަނަ ގައުމަކީ ކޮބައިކަން ހޯދުމުން އެކަން ސާފުވާނެ އެވެ.

މީގެ ބަދަލުގައި ދިވެހިންނަށް މަންފާވާ ގޮތަށް އަންނަ ފުރުސަތެއްގެ "ކޮޅު މަރަން" ނޫޅޭ މިކަމުގައި މައްސަލައެއް ހުރިނަމަ އެކަން ރަނގަޅު ކުރަން އުޅުން މާ ރަނގަޅުވާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް