ހަބަރު

ރައީސް ޕާކިސްތާނަށް، 60 އަހަރުވީ ގުޅުން ވަރުގަދަވުން

ރާއްޖެއަށް މިނިވަންކަން ލިބުނުތާ އަހަރެއްހާ ދުވަސް ފަހުން 1966 ވަނަ އަހަރު، ރާއްޖެއިން އެންމެ ފުރަތަމަ ޚާރިޖީ ގުޅުން ޤާއިމުކުރި 10 ޤައުމުގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ.

20 October 2026
ރައީސް ޑރ. މުއިއްޒުއަށް އެއާޕޯޓުން މަޖިލީސް ރައީސް އަދި ނައިބް ރައީސް މަރުހަބާ ދަންވަނީ

-- ފޮޓޯ : ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒުއަށް އެއާޕޯޓުން މަޖިލީސް ރައީސް އަދި ނައިބް ރައީސް މަރުހަބާ ދަންވަނީ -- ފޮޓޯ : ރައީސް އޮފީސް

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ޚާއްޞަ ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ރަސްމީ މަޝްވަރާތައް ބާއްވައި، ގިނަ ދާއިރާތަކަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ އިސް ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅާ ދިމާކޮށް 300 އަށްވުރެ ގިނަ އިންވެސްޓަރުންނާއި ވިޔަފާރިވެރިން ހިމެނޭ ބޮޑު ބިޒްނަސް ފޯރަމެއްވެސް އެ ޤައުމުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނުތާ އަހަރެއްހާ ދުވަސް ފަހުން 1966 ވަނަ އަހަރު، ރާއްޖެއިން އެންމެ ފުރަތަމަ ޚާރިޖީ ގުޅުން ޤާއިމުކުރި 10 ޤައުމުގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ. ދީނީ އެއްބައިވަންތަކަމާއި ސަގާފީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ މި ގުޅުމުގެ ތެރެއިން ޕާކިސްތާނުން ވަނީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު އެހީތެރިކަންތަކެއް ފޯރުކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ބައެއް ކަންތައް

  • ޢުމްރާނީ ތަރައްޤީ: ރާއްޖޭގެ ފުރަތަމަ ޤާނޫނު ހަދާ މަޖިލީސްކުރާ ގެ އިމާރާތްކޮށްދިނުން.

  • ތަޢުލީމީ ދާއިރާ: ޕާކިސްތާނުގެ އެހީގައި ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖް ޤާއިމުކުރުން (މި ކޮލެޖުން ތަޢުލީމު ހާސިލުކުރި ފުރަތަމަ ބެޗުގެ ދަރިވަރުން ވަނީ 2024 ގައި އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައެވެ).

  • ކާރިސާތަކުގައި އެހީތެރިވުން: 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ޕާކިސްތާނު ނޭވީގެ އެހީގައި، ރާއްޖޭގައި ތާށިވެފައި ތިބި 300 އަށްވުރެ ގިނަ ފަތުރުވެރިން ސަލާމަތްކޮށްދިނުން ހިމެނެއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވި ޕާކިސްތާނަކީ ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ކައިރިން، އެންމެ އަވަހަށް އަދި އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ޤައުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް