ހަބަރު

މަހުދީގެ އަގު ވަޒަން ކުރަން އިޓަލީގެ އެންމެ މަތީ ޝަރަފު

މަހުދީގެ އާދަޔާ ހިލާފު ހިތްވަރު ގަދަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އޭނާ އަށް "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަރުވަން ނިންމާފައިވާ ކަމަށެވެ

28 October 2026
މަހުދީގެ އަގު ވަޒަން ކުރަން އިޓަލީގެ އެންމެ މަތީ ޝަރަފު

ރާއްޖޭގެ ކަނޑު އަޑީގެ ހޮހޮޅައެއްގައި ތާށިވި އިޓަލީގެ ޑައިވަރުންތަކެއް ސަލާމަތް ކުރުމުގެ ތެރޭގައި މަރުވި ސިފައިންގެ ސާޖެންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ އަގު ވަޒަން ކުރުމަށް އޭނާ އަށް އިޓަލީގެ އެންމެ މަތީ ޝަރަފު އެރުވުމަށް އެ ގައުމުން ނިންމައިފި އެވެ.

މި އަހަރު މެއި މަހު އަލިމަތާ ކައިރީ 60 މީޓަރު ފުނުގައިވާ ކޭވްއެއް ބަލަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޓޫރިސްޓުން އެތަނުން ނެގުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ޑައިވަރު މަހުދީ ނިޔާވީ، ޑީކޯ ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ އިޓަލީގެ އެމްބަސީން ބުނީ މަހުދީގެ އާދަޔާ ހިލާފު ހިތްވަރު ގަދަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އޭނާ އަށް "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަރުވަން ނިންމާފައިވާ ކަމަށެވެ. އެއީ އިޓަލީން އަރުވާ އެންމެ މަތީ ޝަރަފެވެ.

އޭގެ އިތުރުން މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން މަހުދީގެ އާއިލާ އަށް އެހީވުމަށް ފަންޑެއް އެއް ކުރުމުގެ މަސައްކަތް ވެސް ފަށަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.

ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ކުރެވިފައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެއްވޭނެ ކަމަށާއި އެ ހުރިހާ ފައިސާއެއް ހަވަލު ކުރާީ މަހުދީގެ ޝަރުއީ ވާރިސުންނަށް ކަމަށް ވެސް އިޓަލީން ބުންޏެވެ.

މަހުދީ މަރުވި ގޮތުގެ ހާދިސާ ދިވެހި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމާ ގުޅޭ ގިނަ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް