ސައީދުގެ އިތުބާރު ނެތް މައްސަލަ މާދަމާ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މާދަމާގެ ޖަލްސާ އަށް ތާވަލު ކޮށްފި އެވެ.
އެމްޑީޕީގެ 13 މެންބަރުން ސޮއި ކުރައްވައި ސައީދު ވަކި ކުރަން ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހު 1 ގަ އެވެ. އޭނާ ވަކި ކުރަން ޖެހޭ ކަމަށް އެމްޑީޕީން ނިންމީ މައިގަނޑު ހަ މައްސަލައަކާ ގުޅިގެންނެވެ. އެއީ
ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާ އަށް އުފުލުން.
ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުން.
ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އެޅުން.
ޕްރައިވެޓް ސެކްޓާ ހިމާޔަތް ކުރުމުގައި ފެއިލްވުން.
އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން.
އިގްތިސާދީ މަލަމަތި ބަދަލު ކޮށްލާނެ ކަމަށް ބުނެ ސައީދު ތަފާތު ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރެއްވި ނަމަވެސް މަޝްރޫއުތައް ހުއްޓިފައިވުން
މަޖިލީހުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ މާދަމާގެ އެޖެންޑާގައިވާ ގޮތުން އެންމެ ފުރަތަމަ އޮތީ އެ މައްސަލަ ކުރިޔަށް ގެންދިޔުމެވެ.
އާންމު ކޮމިޓީން ނިންމާފައި ވަނީ އެ މައްސަލާގައި ޖަވާބުދާރީވުމަށް ސައީދަށް އެއް ގަޑިއިރު އަދި ބަހުސް ކުރަން މެންބަރުންނަށް އެއް ގަޑިއިރު ދިނުމަށެވެ.
ސައީދުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ އަގުލަބިއްޔަތުން އޭނާ ވަކި ކުރަން ނިންމުމުންނެވެ. ނަމަވެސް މަޖިލީހުގައި ގިނައީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް