ހަބަރު

ޖީއެސްޓީ ދެއްކުން ލާޒިމްވާ ތްރެޝްހޯލްޑް 1.5 މިލިއަނަށް ބޮޑުކުރަނީ

އެ ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރު ޖެނުއަރީ 1 އިން ފެށިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

29 October 2026
ޖީއެސްޓީ ދެއްކުން ލާޒިމްވާ ތްރެޝްހޯލްޑް 1.5 މިލިއަނަށް ބޮޑުކުރަނީ

ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާ އަށް ބޮޑު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މިހާރު އޮންނަ ގޮތުން ކުންފުނިތަކުގެ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް އެރުމުން ދައުލަތަށް ޖީއެސްޓީ ދައްކަން މަޖުބޫރު ވާނެ އެވެ.

ނަމަވެސް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ ޓެކުހަށް ކޮމްޕްލައިވުމަށް ކުރިމަތިވާ ބުރަ ލުއިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން އެ ވިޔަފާރިތައް ކުރިއަރުވައި އިގުތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ޖީއެސްޓީ ދައްކަން ލާޒިމްވާ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާ އަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރު ޖެނުއަރީ 1 އިން ފެށިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ މައިބަދަ. ދިވެހި ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ހުންނާނީ، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ނިޔަތުގައި، އަދި ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ހަލުވިކޮށްދޭނެ އަޒުމެއްގައި ހުރި ދިވެއްސެއް،" ޒަރީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް