ސުޕަ މެޖޯރިޓީން ސައީދުގެ މަގާމް ދަމަހައްޓައިފި
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ބޭރުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ބޭރުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގައި، އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މި މައްސަލައާ މެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. އޭނާގެ އިތުބާރު އޮތް ކަމަށް ނުވަތަ ވަކިކުރަން ނުފެންނަ ކަމަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މިދިޔަ އޮގަސްޓް މަހު ހުށަހެޅި މި މައްސަލައިގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީން މިނިސްޓަރާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރެއްވުމުގައި އިހުމާލުވެ، ވަޒީރުން ކުރުން މަނާ އަމަލުތަކެއް ސައީދު ހިންގަވާފައިވާ ކަމަށެވެ. މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
ޑޮލަރުގެ މައްސަލަ: ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއް ނެތި އުފުލި، ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް ދިއުން.
ދައުލަތުގެ މާލިއްޔަތާއި މަޖިލީހަށް ޖަވާބުދާރީވުން: ދައުލަތުގެ ފައިސާއާއި މުދާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުމާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން.
ވިޔަފާރިތަކާއި ބިޔަ މަޝްރޫއުތައް: އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުމުގެ އިތުރުން، އިގުތިސާދީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެ އިއުލާނުކުރި ގިނަ ބިޔަ މަޝްރޫއުތައް ހުއްޓިފައި އޮތުން.
އެސްއީޒެޑް ގާނޫނު: އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވާ ކަމަށް ބުނާ ބުނުން.
މިއަދުގެ ޖަލްސާގައި މި ތުހުމަތުތަކަށް ވަކިވަކިން ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގުކުރައްވާފައެވެ. އެގޮތުން ކުރީ ސަރުކާރަށް ވުރެ އިތުރަށް މި ސަރުކާރުން ރަސްމީ ރޭޓުގައި ޑޮލަރު ދޫކޮށްފައިވާ ކަމުގެ ތަފާސްހިސާބުތައް ހާމަކުރައްވައި، ފަތުރުވެރިކަމާއި އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި އެސްއީޒެޑް މެދުވެރިކޮށް ގެންނަ "ސަސްޓެއިނަބަލް ޓައުންޝިޕް" ފަދަ ޒަމާނީ މޮޑެލްތަކުގެ މުހިންމުކަން އެމަނިކުފާނު ވަނީ ތަޅުމުގައި ދިފާއުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް